ކުދި ސޫފި ނުވަތަ މަކުނު (ޓިކް)ގެ ޒަރީއާއިން ފެތުރޭ، އަދި އިންފްލުއެންޒާއާ އެއްގޮތް އަލާމާތްތަކެއް ފެންނަ އާ ވައިރަހެއް ޗައިނާގެ ސައިންސްވެރިން ހޯދައިފިއެވެ.
ޗައިނާގެ ބީޖިންގްގައި ހުންނަ "ސްޓޭޓް ކީ ލެބޯރަޓަރީ އޮފް ޕެތޮޖެންސް އެންޑް ބަޔޯސެކިއުރިޓީ" ގެ ތަހުގީގު ކުރާ ޓީމުން ހޯދި މިއާ ވައިރަހަށް ދީފައިވާ ނަމަކީ "އޭޝިއަން ލޯންގްހޯންޑް ޓިކް ނައިރޯވައިރަސް" (އޭއެލްޓީއެންވީ) އެވެ. މި ހޯދުންތައް ވަނީ މަޝްހޫރު "ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން" ގައި ޝާއިއުކޮށްފައެވެ.
އޭއެލްޓީއެންވީ ވައިރަސް އެކަނި ޖެހޭ މީހުންގެ ކިބައިން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ގަދައަށް ހުންއައުމާއި، ވަރުބަލިވުން (84 އިންސައްތަ)، ބޮލުގައި ރިއްސުން، މަސްތަކުގައި ރިއްސުން، އަދި މޭނުބައިކުރުމާއި ހޮޑުލުމާއި ބަނޑުގައި ރިއްސުން ފަދަ މާބަނޑުގެ މައްސަލަތައް (80 އިންސައްތަ) ހިމެނެއެވެ. މީގެ އިތުރުން ލޭގެ ޕްލޭޓްލެޓް ދަށްވުމާއި (38 އިންސައްތަ) އަދި ލިވަރ އެންޒައިމްތައް މަތިވުން (36 އިންސައްތަ) ހިމެނެއެވެ. ނަމަވެސް، މި ވައިރަސް އެކަނި ޖެހޭ ބަލިމީހުންނަށް އާންމު ސިއްހީ ފަރުވާ ދިނުމުން ދެ ހަފުތާ ތެރޭގައި އެކޮށް ރަނގަޅުވާކަން ސައިންސްވެރިން ފާހަގަކުރެއެވެ.
މި ދިރާސާގައި ސައިންސްވެރިން ވަނީ ޓިކް ދައިގަނެގެން ހުންއައިސްގެން ޗައިނާގެ ހޮސްޕިޓަލްތަކަށް ދެއްކި 3,163 ބަލިމީހުންގެ ސާމްޕަލް ތަހުލީލުކޮށްފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 10.4 އިންސައްތަ މީހުންގެ ލެއިން އޭއެލްޓީއެންވީގެ އާރްއެންއޭ ނުވަތަ އެންޓިބޮޑީސް ވަނީ ފެނިފައެވެ. މީގެއިތުރުން "ޑާބީ ބެންޑާވައިރަސް" (ޑީބީވީ) އަށް ނެގެޓިވްވި ބަލިމީހުންގެ ތެރެއިން 15.1 އިންސައްތަ މީހުން އޭއެލްޓީއެންވީއަށް ޕޮޒިޓިވްވެފައިވާކަން ދިރާސާއިން ދައްކައެވެ.
ސައިންސްވެރިން މި އާ ވައިރަސް ހޯދުމުގެ މަސައްކަތް ފެށީ، ޑީބީވީ ވައިރަހުގެ އަލާމާތްތައް ފެންނަ ބަލިމީހުންގެ ތެރެއިން 30 އިންސައްތަ މީހުން އެ ވައިރަހަށް ނެގެޓިވްވާ ސަބަބު ހޯދުމުގެ ތެރޭގައެވެ. ޑީބީވީއަކީ "ސިވިއާ ފީވާ ވިތު ތްރޮމްބޯސައިޓޯޕީނިއާ ސިންޑްރޯމް" (އެސްއެފްޓީއެސް) ޖައްސާ، އަދި ބަލިޖެހޭ މީހުންގެ 10 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަދަދަކަށް މަރުވާ ނުރައްކާތެރި ވައިރަހެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ޑީބީވީއަކީ ހާއްސަ އިސްކަމެއް ދީގެން ދިރާސާކުރަންޖެހޭ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އޭއެލްޓީއެންވީ އާއި ޑީބީވީ ފެތުރެނީ އެއް ސަރަހައްދުތަކެއްގައި އެއް ވައްތަރެއްގެ ޓިކްތަކެއްގެ ޒަރީއާއިން ކަމަށްވާތީ، އެއްފަހަރާ ދެ ވައިރަސް މީހެއްގެ ހަށިގަނޑަށް ވަނުމުގެ ފުރުސަތު ބޮޑެވެ. މި ދިރާސާގައި ދެ ވައިރަސް އެކުގަ އި ޖެހުނު 38 ބަލިމީހުން ހިމެނުނުއިރު، ހަމައެކަނި ޑީބީވީ ޖެހުނު މީހުންނާ އަޅާބަލާއިރު އެމީހުންގެ ކިބައިން ނޭވާލާ ނިޒާމުގެ މައްސަލަތަކާއި (38 އިންސައްތައާ އަޅާބަލާއިރު 61 އިންސައްތަ) އަދި ގުރުދާގެ މައްސަލަތައް (66 އިންސައްތައާ އަޅާބަލާއިރު 84 އިންސައްތަ) ފެނުނު މިންވަރު މަތިއެވެ. އަދި ދެ ވައިރަސް އެކުއެކީގައި ޖެހުނު މީހުންގެ ތެރެއިން ހަތް މީހަކު (18.4 އިންސައްތަ) ވަނީ މަރުވެފައެވެ.
ޗައިނާގެ 15 ޕްރޮވިންސަކުން އެއްކުރި 47,428 ޓިކްގެ ތެރެއިން 1.3 އިންސައްތަ ޓިކްއިން އޭއެލްޓީއެންވީ ފެނިފައިވާއިރު، އެންމެ ގިނައިން މި ވައިރަސް ފެނިފައިވަނީ "ހޭމަފިސާލިސް ލޯންގިކޯނިސް" ކިޔާ ޓިކްގެ ބާވަތުން (1.8 އިންސައްތަ) އެވެ. ސިއްހީ މާހިރުން ބުނެފައިވަނީ ޓިކްގެ ޒަރީއާއިން ފެތުރޭ ވައިރަސްތަކަށް އާންމު އެންޓިބަޔޮޓިކް ފަރުވާ ނުކުރާތީ، ޓިކް ދައިގަތުމަށްފަހު ސަބަބު ނޭނގޭ ހުން އަންނަނަމަ އަވަހަށް ތަހުލީލުތައް ކުރުން މުހިންމު ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑީއީއީޓީ ނުވަތަ ޕާމެތްރިން އެކުލެވޭ ސޫފި ދުރުކުރާ ބޭސް ބޭނުންކުރުމަށާއި، އުސް ވިނަގަނޑު ބޯ ސަރަހައްދުތަކުގައި އުޅޭއިރު ނިވާވާނެހެން ދިގު ހެދުން އެޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!