ށ، ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ، ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފިއެވެ.
އެ ރަށު ކައުންސިލް އިދާރާއިން އިސްނަގައިގެން، ޞިއްޙީމަރުކަޒާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ޖުމްލަ 22 ފިހާރަ އާއި 3 ރެސްޓޯރެންޓެއް ބެލިފައިވާކަމަށް އެ ކައުންސިލުން މައުލޫމާތު ދިނެވެ.
ކޮމަންޑޫ ކައުންސިލްގެ އެސްޖީ ޙަމްދާ އަޙުމަދު "ތިލަދުން"އަށް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން، ކާބޯތަކެތީގެ މުއްދަތާއި، ތަނުގެ ސާފުތާހިރުކަމާއި، ކާބޯތަކެތި ރައްކާކުރާ ގުދަންފަދަ ތަންތަން ބަލައި ފާސްކުރެވިފައިވާނެކަމަށެވެ. އޭގެއިތުރުން، ދިގު މުއްދަތަށް ރައްކާކޮއްފައި ހުންނަ ކާބޯތަކެތީގެ ތެރެއިން ދަޅު، ފުޅި ފަދަ އެއްޗެއްސަށް ގެއްލުމެއް ލިބިފައި ހުރިތޯ ބަލައި، އެ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު، ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ، ގޭގޭގައި ތައްޔާރުކުރާ ކާބޯތަކެތީގަައި ވެސް މުއްދަތާއި އަގު، ޖަހާފައި ހުރޭތޯ ބަލާފައިވާނެކަމަށް ހަމްދާ ވިދާޅުވިއެވެ.
އާއްމުގޮތެއްގައި ކޮމަންޑޫގެ ފިހާރަތަކާއި ރެސްޓޯރެންޓްތަކުގެ ޙާލަތު ރަނގަޅު ނަމަވެސް ބައެއް ފިހާރަތަކުން މުއްދަތު ހަމަވެފައި ހުރި ކާބޯތަކެތި ފެނިފައިވާކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ. އެފަދަ މުދާ، ވެރިފަރާތުގެ ހުއްދައާއެކު ކައުންސިލަށް ނަގައި، ނައްތާލުމުގެ މަސައްކަތް ކުރުމަށް ކުރަމުންދާކަމަށް ވެސް ކައުންސިލުން މި ނޫހަށް މަޢުލޫމާތު ދެއްވާފައިވެއެވެ.
މީގެއިތުރުން އެފަދަ ފިހާރަތަކަށް އެކަންކަން އިޞްލާޙު ކުރުމަށް މިހާރުވާނީ ވަގުތު ދީފައިކަމަށް ވެސް ކައުންސިލުން ހާމަކޮއްފައިވެއެވެ.
ކޮމަންޑޫ ކައުންސިލްގެ ވޯކް ޕްލޭންގައި ހިމަނައިގެން ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދާ، މި ހަރަކާތުގެ މަޤްޞަދަކީ އެ ރަށުގެ ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވިއްކާ، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފެންވަރު ކަށަވަރުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!