ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެއްގޮތަށް، ހއ. ފިއްލަދޫގައި ހޯމްސްޓޭ އުޞޫލުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ އެ ރަށު ކައުންސިލަށް ލިބިއްޖެއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު "ތިލަދުން"އަށް ވިދާޅުވީ، ކުރިއްސުރެ ވެސް އެ ރަށަށް ތަޢާރަފްކޮއްފައިވާ ހޯމްސްޓޭގެ ޚިދުމަތް މިހާރު ގިނަ ފަރާތްތަކަކުން، ފުޅާ ދާއިރާއެއްގައި ދެމުންދާކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެއްގޮތަށް، ރަސްމީކޮށް، ފިއްލަދޫއަށް ހުއްދަ ލިބިފައިނުވާތީ، ފިއްލަދޫގެ ނަމުގައި ފަތުރުވެރިން ގެނައުމުގައި، ކުރިން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ރަސްމީ ރަޖިސްޓްރޭޝަނާއެކު، އޭރު ކުރިމަތިވި ގޮންޖެހުންތަކަށް، ދާއިމީ ޙައްލެއް ލިބިގެން ދާނެއެވެ.
ރަސްމީކޮށް، 6 ސެޕްޓެމްބަރ 2026ވަނަ ދުވަހުން ފެށިގެން ކައުންސިލަށް މި ހުއްދަ ލިބުމާއެކު މިހާރު އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ރާވަމުން ދާކަމަށް ވެސް ޙާމިދު ވިދާޅުވިއެވެ.
އެ ގޮތުން، ހޯމްސްޓޭ ޑެސްކް ޤާއިމު ކުރުމާއި، ލީފްލެޓް ތައްޔާރު ކުރުމުގެ އިތުރުން ފަތުރުވެރިންނަށް ރަށުގެ އެކި ސަރަޙައްދުތައް ފެންނާނެހެން، ބޯޑުޖެހުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ. އަދި މި މަސައްކަތްތައް ކުރެވިގެންދާނީ، މި ފުރުޞަތު އާއްމުންނަށް ހުޅުވާލުމަށް އިޢުލާނު ކުރެވިގެން ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
ފިއްލަދޫއަކީ ހުދު ދޮންވެލި ތުނޑިއަކާއި، ބޮޑު ފަޅެއް ލިބިފައިވާ ގަސްބޯ ޖަންގަލީގެ ރީތި މާޙައުލެއް ލިބިފައިވާ ރަށެކެވެ. މިއީ ޤުދުރަތީ ރީތިކަމަށް ލޯބިކުރާ ފަތުރުވެރިންނަށް މަޤްބޫލު ރަށެކެވެ.
ފިއްލަދޫ ކައިރީގައި އަޑިއަށް ގޮސްފައިވާ މަޝްހޫރު ނައު "ކެޕްޓަން ވިލްސަން" އަކީ ޑައިވިންގ އަދި ސްނޯކްލިންގ އަށް ފަތުރުވެރިންގެ މެދުގައި މިހާރު ވެސް މަޝްހޫރު ތަނެކެވެ.
ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ އެ ރަށު ކައުންސިލަށް ލިބުމުން، ފިއްލަދޫގެ ރައްޔިތުންނަށް، ފަތުރުވެރިކަމުގެ އާމްދަނީ ހޯދުމަށް މަގު، އިތުރަށް ފުޅާވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!