މިހާރު ކުރިއަށްދާ "އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026" ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 48 ޓީމަކުން ވާދަކުރަމުން އަންނަ ކަމަށް އުރީދޫން ބުނެފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަށް އެކި އަތޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އުރީދޫން ބުނި ގޮތުގައި އެކި ރަށްރަށުގެ ބައިވެރިން ހިމެނޭ ގޮތަށް ކުރިއަށްދާ މި މުބާރާތުގައި ޓީމުތައް ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްޓަކައި މުޅި މުބާރާތުގައި ޖުމްލަ 75 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށް ތަމްސީލުކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިނުން ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން ކުޅުންތެރިންނަށް އެ މީހުންގެ އަމިއްލަ ރަށުގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ އީސްޕޯޓްސްގެ ތެރެއިން ރަށުގެ ފަހުރާއި އެކުވެރި ވާދަވެރިކަން އާލާކޮށްދޭނެ މުބާރާތެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މި މުބާރާތަކީ 2025 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި ފުރަތަމަ އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގަށް ބިނާކޮށް ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ ދެވަނަ އެޑިޝަނާއެކު އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިންނަށް އިންތިޒާމުވެފައިވާ މުބާރާތްތަކުގައި ބައިވެރިވެ، ހުނަރު ތަރައްގީކޮށް އަދި އަގުހުރި ވާދަވެރި ތަޖުރިބާތަކެއް ހޯދައިދީގެން ރާއްޖޭގެ ގޭމިން ދާއިރާ އިތުރަށް ހަރުދަނާކުރުން ކަމަށްވެސް އުރީދޫން ބުނެއެވެ.
މުބާރާތުގެ މެޗުތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސަޕޯޓަރުންނަށް އެ މީހުންގެ ރަށުގެ ޓީމުތަކަށް ސަޕޯޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
އަތޮޅު އީސްޕޯޓްސް ލީގަކީ ދިވެހި ހުނަރުވެރިން ތަރައްގީކުރުމަށާއި ދިވެހި ގޭމަރުންނަށް މަތީ ފެންވަރުގެ ވާދަވެރި މައިދާންތަކަށް ދިއުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫން ހާއްސަކޮށް ހިންގާ ގޭމިން އަދި އީސްޕޯޓްސް ޕްލެޓްފޯމް ކަމަށްވާ "އުރީދޫ ނޭޝަން" ގެ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!