ހއ. ފިއްލަދޫ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ރަށު ޕޮލިހާއި ކައުންސިލާއި ޑަބްލިޔުޑީސީ ގުޅިގެން، "ވަންޑޭ ގަވަރމެންޓް އޮފީސް ސްޓާފް ޑިވެލޮޕްމަންޓް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަންނީ ހުނަރު މަތިކޮށް، މަސައްކަތުގެ މާހައުލުގައި ގާބިލުކަން އިތުރުކުރުމަށް އިސްނަގައިގެން ބޭއްވި ވޯކްޝޮޕެކެވެ.
މި މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ތެރެއިން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، އޮފީސް މާހައުލުގައި މަސައްކަތްތައް ހަރުދަނާކޮށް، އެދެވޭ ގޮތެއްގައި ކުރިއަށް ގެންދާނެ ގޮތްތަކާ މެދު މުވައްޒަފުންނަށް މައުލޫމާތު ދީފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ފިއްލަދޫގެ ތަފާތު މުއައްސަސާތަކުން ޖުމްލަ 37 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. މިއީ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާހައުލު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދިން ބައިވެރިވުމެކެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ނަގައިދެއްވީ ހއ. އަތޮޅު ކޮމާންޑަރު، އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީންއާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު އަސްލަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!