މިހާތަނަށް ރާއްޖެއިން ފެނިފައިވާ އެންމެ ހިތްގައިމު އަދި އެންމެ ބޮޑު އެއް ކަނޑުއަޑީގެ ހޮހޮޅަ (ނައިވާދޫ ހޮހޮޅަ)ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނައިވާދޫ ކައުންސިލް ރައީސް މުޙައްމަދު ނައުފަލް "ތިލަދުން"އަށް ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ މަސައްކަތުގެ ދަށުން، ނައިވާދޫގެ ހުޅަނގުފަރާތު ފަރާ ދިމާލުން ކަނޑުއަޑީގައި އޮތް ބޮޑު ހޮހަޅަ ހިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ފަށާފައިވާކަމަށް އެ މިނިސްޓްރީން އެ ކައުންސިލަށް ވަނީ އަންގާފައެވެ.
މި އެންގުން އެންގީ އެ ހޮހޮޅަ ހިމާޔަތްކޮށްދިނުމަށް އެދި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބުން އެންވަޔަރަންމަންޓް މިނިސްޓްރީގައި އެދިފައިވަނިކޮށްކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.
ނައިވާދޫ ހޮހޮޅައިގެ މަންޒަރެއް، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ނައިވާދޫ ކައުންސިލް ރައީސް ނައުފަލް ވިދާޅުވިގޮތުގައި މި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ "ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް" ގެ 3 ވަނަ އަމާޒު ހާސިލްކުރުމަށްޓަކައި އެކުލަވާލާފައިވާ "މޯލްޑިވްސް 30x30 ރޯޑްމެޕް" ގެ ދަށުންނެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ މަދަނީ ޖަމުއިއްޔާއެއް ކަމަށްވާ މޯލްޑިވްސް ރެސީލިއަންޓް ރީފްސް (އެމް.އާރް.އާރް) ގެ "ހައިއެމްބިޝަން ކޯލިޝަންގެ ރެޕީޑް ޑިޕްލޯއިމަންޓް މެކޭނިޒަމް" ގެ ތެރެއިންކަމަށް ވެސް ނައުފަލް ވިދާޅުވިއެވެ.
ނައިވާދޫ ހޮހޮޅައިގެ މަންޒަރެއް، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ނައިވާދޫ ހޮހަޅަ ހިމާޔަތްކުރުމަށް ބޭނުންވާ ސާވޭތައް ހެދުމަށްޓަކައި، މިނިސްޓްރީއާއި މޯލްޑިވްސް ރެސީލިއަންޓް ރީފްސް އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ގުޅިގެން ސެޕްޓެންބަރު 7 އިން 12 އަށް ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރުމަށް ރާވާފައިވެއެވެ.
މި ދަތުރުގެ ތެރެއިން އެ ސަރަހައްދު ބޭނުންކުރާ މިންވަރު ދެނެގަތުމަށް ސޯޝިއޯ-އިކޮނޮމިކް ސާވޭ ސެޕްޓެންބަރު 7 އަދި 8 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް ނައިވާދޫ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
އެ ގޮތުން އެ ސަރަހައްދުން މަސް ހިފުމާއި، މަސް ބޭނުމާއި. ލަނޑާ ނެގުމުގެ އިތުރުން ފީނުމާއި ޑައިވް ކުރާ މިންވަރު ދެނެގަތުމަށް އާއްމުންނާ ވެސް ސުވާލު ކުރެވިގެންދާނެކަމަށް ނައުފަލް ވިދާޅުވިއެވެ.
ނައިވާދޫ ހޮހޮޅައިގެ މަންޒަރެއް، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
މި ސާވޭ ދަތުރުގައި ބައިވެރިވާ ޓީމުން ސެޕްޓެންބަރު 7 ވީ ދުވަހުގެ ނައިވާދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށް، މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ޑައިވްކުރުމުގެ ތަޖުރިބާކާރެއްގެ އިތުރުން ސަފަރީ އޮޕަރޭޓްކުރުމާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އިބްރާހިމް ޝާހިދު ނައިވާދޫ ހޮހޮޅަ ސިފަކުރެއްވީ ގުދުރަތީ ރީތިކަމުގެ ބަގީޗާއެއްގެ ގޮތުގައެވެ. އެއް ފަހަރަށްވުރެ ގިނައިން އެ ސައިޓަށް ޑައިވްކޮށްފައިވާ ޝާހިދު ''ތިލަދުން'' އަށް ބުނީ، ނައިވާދޫ ހޮހޮޅައަކީ ރާއްޖޭގެ ޑައިވް ސައިޓްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މަޑު މުރަކަ ފެންނަ ސައިޓްކަމަށް ފާހަގަކުރެވޭ ކަމަށެެވެ.
ނައިވާދޫ ހޮހޮޅައިގެ މަންޒަރެއް، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ހދ. ނައިވާދޫ ކައިރީގައި ކަނޑުއަޑީގައި އޮންނަ "ނައިވާދޫ ބޮޑު ހޮހޮޅަ" އަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑެތި ކަނޑުއަޑީގެ ހޮހޮޅަތަކުގެ ތެރެއިން އެއް ހޮހަޅައެވެ. މި ހޮހޮޅައިގެ ބޮޑުމިނުގައި ގާތްގަނޑަކަށް 20 މީޓަރު ފުޅާމިން އަދި 10 މީޓަރު އުސްމިން ހުރެއެވެ.
ނައިވާދޫ ހޮހޮޅައިގެ މަންޒަރެއް، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
މި ތަނަކީ ތަފާތު ވައްތަރުގެ މުރަކަތަކާއި، މިޔަރާއި، މަޑި އަދި ވެލާ ފަދަ ގިނަ އަދަދެއްގެ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ރީތި ޑައިވް ސައިޓެކެވެ. މީގެއިތުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ތަންތަން ހޮވުމަށް ބޭއްވުނު މުބާރާތްތަކުގައި ވެސް މި ހޮހޮޅަ ވަނީ ގަދަ 5 އެއްގެ ތެރޭގައި ހިމެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!