ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ފޯރިގަދަ "ހޮލިޑޭ ކަޕް"ގެ ނައިވާދޫ އޮޑިޝަން މި އަހަރުގެ ޑިސެމްބަރު ޗުއްޓީގައި ނައިވާދޫގައި ބޭއްވުމަށް ރާވަމުންދާކަމަށް އެ ކުލަބުން ހާމަކޮއްފިއެވެ.
ޓްރޭނާރސް ސްޕޯޓްސް އެކަޑަމީގެ ކޯޑިނޭޓަރ އަޙުމަދު އާފާޤް "ތިލަދުން"އަށް ބުނީ، މިއީ ރަށުގައި ދިރިއުޅޭ ގިނަ ކުދިންތަކެއްގެ ހުވަފެނެއްކަމަށާއި އެ ކުދިން ނުހަނު ބޭނުންވާ ކަމެއްކަމަށެވެ. ނަމަވެސް މި ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނީ ދަރިވަރުންގެ ކިޔަމަންތެރިކަމާއި އަޚުލާޤު ނައިވާދޫގެ މުޖުތަމައުން ފެނިގެންކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. އަދި މި ފުރުޞަތު ހޯދުމަށްޓަކައި ހުރިހާ ކުދިން ގަދައަޅައި، މަސައްކަތް ކުރުމަށް އެކަޑަމީގެ ދަރިވަރުންގެ ކިބައިން، ކްލަބްގެ ކޯޑިނޭޓަރެއްގެ ޙައިޞިއްޔަތުން އާފާޤް، އެދިފައިވެއެވެ.
މީގެ އިތުރުން އާފާޤް ބުނީ، އެ ކްލަބުން، ރަށުގައި ކުރިއަށް ގެންދިޔުމަށް ރާވަމުން ދިޔަ އެޑަމީ ކްލާސްތައް، ނައިވާދޫގެ ރަސްމީ ފުޓުބޯޅަ ދަނޑު މަރާމާތުކުރުމަށްޓަކައި، މަޑުޖައްސާލަން ޖެހުނު ކަމަށެވެ. އެ ގޮތުން ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ އެކަޑަމީގެ ސެޝަންތައް އިއްޔެ ރަސްމީކޮށް ފަށާފައިވާކަމަށް ވެސް އޭނާ ބުނެފަވެއެވެ.
ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް އިން ބޭއްވި ހޮލިޑޭ ކަޕް އޮޑިޝަންއެއްގެ ތެރެއިން، ފޮޓޯ: ޓްރޭނާސް
މިފަހަރުގެ އެކަޑަމީގެ ސެޝަންތައް 2 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ނައިވާދޫގައި އުފެދެމުންދާ އައު ޖީލަކީ، ދީނީ ކަންކަމަށް އިސްކަންދޭ، އަދި ފުޓުބޯޅައާއި ފުޓްސަލްގެ މުޅިން އައު ހުނަރުވެރި ތަރިންތަކެއްގެ ގޮތުގައި މުޖުތަމައަށް ނެރެދިނުމަކީ އެ ކްލަބްގެ މައިގަނޑު އަމާޒުކަމުގައި ވެސް ކުލަބުން މަޢުލޫމާތުދީފައިވެއެވެ.
އެކިއެކި ސަބަބުތަކާހުރެ 3 ފަހަރެއްގެ މަތިން އެކަޑަމީ ފަށާ ތާރީޚަށް ބަދަލުގަންނަން ޖެހި، ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށް ވެސް އެ ކްލަބުން މަޢުލޫމާތުދީފައިވެއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވި ދަތިތަކަށްޓަކައި ކުލަބުގެ ނަމުގައި މައާފަށް އެދޭކަމަށާއި، ގޮންޖެހުންތަކަށްފަހު އެކަޑަމީ އަލުން ފެށިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއްކަން އާފާޤް ފާހަގަކޮށްފައިވެއެވެ.
މަންފާ ދަތުރުގެ "ވަޙުދަތުގެ ނޫރު 2026" ދީނީ ހޭލުންތެރިކަމުގެ ފޯރަމްގައި ޓްރެއިނާސް އެކަޑަމީގެ ދަރިވަރުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދިޔަ "ކުޑަކުދިންނާއެކު" ނަޞޭޙަތްދިނުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ޓްރޭނާސް
ނައިވާދޫގެ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރަށް ވަރުގަދަކޮށް، އަޚުލާޤީ ގޮތުން ނަމޫނާ ޖީލެއް ބިނާކުރުމަށް ނައިވާދޫ ޓްރޭނާރސް އިން ކުރަމުންދާ މަސައްކަތަށް އެންމެހާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުން ފާހަގަކޮށް، އެ ކްލަބުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން، ކުޅިވަރަށްވުރެ ދީނީ ކަންކަމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމުގެ ގޮތުން، އެ ކުލަބާއި ނައިވާދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(އތމ) ގުޅިގެން ބޭއްވި "ވަޙުދަތުގެ ނޫރު 2026" ދީނީ ހޭލުންތެރިކަމުގެ ފޯރަމްގައި، މަންފާ ޖަމްޢިއްޔާއާ ގުޅިގެން، އެކަޑަމީގެ ދަރިވަރުންނަށް ޚާއްޞަކޮށް، "ކުޑަކުދިންނާއެކު" ނަޞޭޙަތްދިނުމުގެ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!