ށ. ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 15ވަނަ އާއްމު ބައްދަލުވުމުގައެވެ.
ނޫމަރާ ކައުންސިލްގެ ރައީސް، އިބްރާހީމް ފުއާދު "ތިލަދުން"އަށް ވިދާޅުވީ، އެ ރަށުގައި ޙިމާޔަތް ކުރަންޖެހޭ އާސާރީ ތިން ތަނެއް ހުރި ކަމަށެވެ. އެއީ ބޮޑު ހިރިއަކާއި، އިހުގެ ފެންވަޅެއްގެ އިތުރުން، ބަނދަރު ސަރަޙައްދުގައި ހުރި ބޮޑުކާނިގަހާއި ބޮޑު ހިލައެކެވެ.
ނޫމަރާގައި އޮންނަ ބޮޑު ހިލަ، ފޮޓޯ: ކައުންސިލް
ކައުންސިލްގެ ރައީސް ފުއާދު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ގެއެއްގެ ގޯތިތެރޭގައި އޮންނަ، ބޮޑު ހިރިގަލަކީ، ވަރަށް ކުރީއްސުރެ، އެ ރަށުގައި އޮންނަ ހިރިގަލެއް ކަމަށާއި، އިހުގެ ދުވަސްވީ މީހުންގެ ފަރާތުން ހާމަވެފައިވާ ގޮތުގައި އެއީ އިހުޒަމާނުގެ ވަރަށް ބޮޑު ތާރީޚީ ހަނދާނެއް ކަމަށެވެ. އެހެންކަމުން އެ ހިރިގާ އޮތް ސަރަޙައްދު ކައުންސިލަށް ނަގައި، އެ ތަން ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން ނިންމާފައިވެއެވެ.
ނޫމަރާ ބަނދަރު ސަރަހައްދުގައި ހުރި ބޮޑު ކާނިގަސް، ފޮޓޯ: ކައުންސިލް
މީގެއިތުރުން، އެ ރަށުގެ ބަނދަރާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ފެންވަޅަކީ ވެސް، އިހުގެ މުޙިއްމު ހަނދާނެއްކަމަށާއި، ފެންވަޅުގެ އަސްލު ނުގެއްލޭ ގޮތަށް، އާބާތުރަ ފިލުވައި، ފެންވަޅު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް، ރޭވިފައި އޮތްކަމަށް ކައުންސިލުން ހާމަކުރިއެވެ.
ނޫމަރާ ބަނދަރު ސަރަޙައްދުގައި ހުންނަ ކާނިގަހަކީ އެ ރަށުގެ އެންމެ ދުވަސްވީ އެއް ގަހެވެ. މި ގަސް ވެއްޓުނަ ނުދީ ހިފެހެއްޓުމަށްޓަކައި، ގަސްކައިރީ، ވަރަށް ކުރީއްސުރެ ޒަމާންވީ ހިލައެއް ބާއްވާފައި އޮންނަކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންކަމުން އެ ގަހާއެކު ހިލަ ހުރި ސަރަޙައްދު ވެސް، ތާރީޚަށްޓަކައި ރައްކާކޮށް، ޙިމާޔަތް ކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!