ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ށ. ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހި، ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުން، ފ. ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުން، ކ. ގާފަރު ބަނދަރު މަރާމާތުކުރުން އަދި ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ހިމެނެއެވެ.
މީގެ ތެރެއިން ށ. ފުނަދޫ މަޝްރޫޢުގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމާއި، 3284 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 50 މީޓަރުގެ ޖިއޯ ބޭގް ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކ. މާފުށީގެ ދެވަނަ ފިޔަވަހީގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކައި، 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓާއި، 162 މީޓަރުގެ ބްރޭކްވޯޓަރ އަދި 356 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ގދ. މަޑަވެލީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމާއި، ބޭރުތޮށީގެ 253 މީޓަރުގައި ބޮޑު ހިލަ ޖެހުމުގެ އިތުރުން، ކުރީގެ 367 މީޓަރުގެ އެއްގަމުތޮށި މަރާމާތުކޮށް 383 މީޓަރުގެ އައު އެއްގަމު ތޮއްޓެއް ލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ފ. ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ބޮޑުހިލައިގެ ބޭރުތޮށްޓާއި ސަބްމާރޖްޑް ބޭރުތޮށި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
މި 5 ރަށުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކުރިއިރު، އިއްޔެ އާއި ކުރީ ދުވަހު ވެސް ސަރުކާރުން ވަނީ ބ. ކިހާދޫ، ހއ. މުރައިދޫ، ދ. ބަނޑިދޫ، ހއ. ކެލާ، ރ. އިންނަމާދޫ އަދި ހއ. މާރަންދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
ފުނަދޫގައި އެންމެ ފުރަތަމަ ބޮޑު ބިން ހިއްކުމުގެ މަޝްރޫއެއް ހިންގާފައިވަނީ އެއާޕޯޓް ތަރައްގީކުރުމަށެވެ. އެގޮތުން އެމްޓީސީސީގެ "މަހާ ޖައްރާފު" ކޮގު ބޭނުންކޮށްގެން 21 ހެކްޓަރުގެ ބިން އެއާޕޯޓަށް ހިއްކައި 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!