ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ޗުއްޓީ ދަތުރުތައް އިންތިޒާމުކޮށްދޭ އިނގިރޭސިވިލާތުގެ ލަކްޒަރީ ޓްރެވަލް ކުންފުނި "ވޭފެއަރަރ ޓްރެވަލް" ގެ ހުރިހާ ހިދުމަތްތަކެއް ކުއްލި ގޮތަކަށް ހުއްޓާލައިފިއެވެ.

"އިތުރު އެންގުމެއް އަންގަންދެން" ހިދުމަތްތައް މެދުކަނޑާލުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހު ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ދަތުރު ނުކުރުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

Ad
rt

އިނގިރޭސިވިލާތުގެ ބްރިސްޓޯލްގައި ގާއިމުވެގެން 2012 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ވޭފެއަރަރ ޓްރެވަލްއިން ބުނީ، މި ވަގުތު އެ ކުންފުނީގެ މާލީ އަދި ގާނޫނީ ކަންކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ނުތަނަވަސްކަމާއި އޮޅުންބޮޅުންތަކަށް އެ ކުންފުނީގެ ތަރުޖަމާނު ވަނީ މާފަށް އެދިފައެވެ.

"މި ވަގުތު އަޅުގަނޑުމެންނަށް އިތުރު މައުލޫމާތެއް ފޯރުކޮށްދެވޭނީ އެކަންކަމާ ގުޅޭ މާލީ އަދި ގާނޫނީ ލަފާ ލިބުމުން. ކަސްޓަމަރުން ބަހައްޓަވާ ކެތްތެރިކަމަށް ޝުކުރު އަދާކުރަން،" ތަރުޖަމާނު ބުނެފައިވެއެވެ. ރާއްޖޭގެ އިތުރުން ޖަޕާން، ޕެރޫ އަދި ކެންޔާ ފަދަ ގައުމުތަކަށް ޗުއްޓީ ދަތުރުތައް އިންތިޒާމުކުރާ މި ކުންފުނިން ބުނި ގޮތުގައި، މި ހަފުތާގެ ތެރޭގައި ކަސްޓަމަރުންނަށް ރަސްމީ މައުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ "އެސޯސިއޭޝަން އޮފް ބޮންޑެޑް ޓްރެވަލް އޯގަނައިޒާސް ޓްރަސްޓް" (އޭބީޓީއޯޓީ) އިން ބުނެފައިވަނީ، ބުކިން ހަދާފައިވާ ދަތުރުތައް ކުރިއަށް ނުގެންދެވިދާނެ ކަމުގެ މައުލޫމާތު ވޭފެއަރަރ ޓްރެވަލްއިން ކަސްޓަމަރުންނަށް ދީފައިވާ ކަމަށެވެ. އެއާއެކު، ސެޕްޓެމްބަރު 2 ވަނަ ދުވަހުން ފެށިގެން، ގެއްލުންވި ކަސްޓަމަރުންނަށް ފައިސާ އަނބުރާ ހޯދައިދިނުމުގެ (ކްލެއިމް ކުރުމުގެ) މަރުހަލާ އޭބީޓީއޯޓީން ވަނީ ފަށާފައެވެ.

އޭބީޓީއޯޓީން ވަނީ 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ބުކިން ހަދާފައިވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެގޮތުން، ސެޕްޓެމްބަރު މަހުގެ ތެރޭގައި ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުން ދަތުރު ނުކުރުމަށާއި، ފަހުގެ ތާރީޚުތަކުގައި ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުން އިތުރު މައުލޫމާތު ލިބެންދެން މަޑުކުރުމަށް އެ ޖަމިއްޔާއިން ވަނީ އިރުޝާދު ދީފައެވެ.

ވޭފެއަރަރ ޓްރެވަލްއަކީ މި އަހަރުގެ ތެރޭގައި ޗުއްޓީ ދަތުރުތައް ކެންސަލްކުރި އިނގިރޭސިވިލާތުގެ ފުރަތަމަ ކުންފުންޏެއް ނޫނެވެ. ވޭތުވެދިޔަ އޯގަސްޓް މަހުގެ ތެރޭގައި، އިނގިރޭސިވިލާތުގެ ނޯވިޗަށް ނިސްބަތްވާ "ސްކީ ޔޯލްޑް" ކުންފުނި އުވާލުމާ ގުޅިގެންވެސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ.