އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކެއްގައި މުވާސަލާތީ ޓަވަރުތަކަށާއި އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށްފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކާއި އޮފިޝަލުން ހާމަކޮށްފިއެވެ.

އީރާނުގެ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ ހޮރްމުޒްގާން ޕްރޮވިންސްގެ ކޫހެސްތަކް ސަރަހައްދަށެވެ. މީގެ ތެރޭގައި އެ ސަރަހައްދުގެ މުވާސަލާތީ ޓަވަރުތަކާއި ރާޑަރު ނިޒާމުތައް ހިމެނެއެވެ. މި ހަމަލާތަކާ ގުޅިގެން ހޮރްމުޒްގާން ޕްރޮވިންސްގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ހިދުމަތާއި ފޯނުގެ ހިދުމަތް ކެނޑިފައިވާ ކަމަށާއި، މި ހިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

Ad
rt

މީގެއިތުރުން، ހަމަލާ ދިން ސަރަހައްދުގެ ކައިރީގައި ހުރި އިމާރާތްތަކަށް ހަމަލާގެ ބައިތައް (ޝްރެޕްނެލް) އެރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނަށް އަމާޒުކޮށް ޓާގެޓެޑް ހަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. ސެންޓްކޮމް އިން ހާމަކުރި ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރާޑަރުތަކުގެ އިތުރުން ކަނޑުގެ އުޅަނދުފަހަރަށެވެ.

އެމެރިކާއިން ބުނި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އޮތް ނުރައްކާތައް ނައްތާލުމަށާއި، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނާއި އޮފިޝަލުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.

މި ހަމަލާތައް ދީފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، އީރާނުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެމުންދާއިރު، އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް އީރާނުން ސައިބާ ހަމަލާތަކެއް ދޭން މަސައްކަތްކޮށްފައިވާ ކަމުގެ ރިޕޯޓްތަކެއްވެސް ވަނީ ފެންމަތިވެފައެވެ.