ހދ.ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ދެމެދު ދިރާސާކުރުމާއި، ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި، ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ، 30 އޮގަސްޓު 2026ގައެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދެ ފަރާތް ގުޅިގެން ދިރާސާތަކާއި ޕްރޮގްރާމްތައް ހިންގުމާއި، މަށިކުޅި އާއި އެހެނިހެން އިކޯސިސްޓަމްތަކުގައިވާ ދިރުންތަކުގެ ނަސްލުތައް ދެނެގަނެ ރިޕޯރޓްކުރުމާއި، މަޢުލޫމާތާއި ޑޭޓާ ހިއްސާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ތަމްރީނު ދިނުމުގެ އިތުރުން ކުޅި އިކޯސިސްޓަމްތަކަށާއި ކަނޑުގެ ދިރުންތަކަށް ޚާއްޞަކޮށްގެން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ.
އޭގެއިތުރުން، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މި ދެ މުއައްސަސާގެ ބައިވެރިވުމަކީ، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ތިމާވެށި ހިމާޔަތްކުރުން ކުރިއެރުވުމަށާއި، ކުޅުދުއްފުށީގެ އަގުހުރި ޤުދުރަތީ އިކޯސިސްޓަމްތަކާ މެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، އެ ތަންތަނުގެ އަގުވަޒަންކުރުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!