އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓުނު ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

މި ހާދިސާގެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ ތަފާތު އެކައުންޓްތަކާއި، ޕޭޖުތަކުގެ އިތުރުން ގްރޫޕުތަކުންވެސް މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad
rt

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވޭނެ ކަމެކެވެ. އަދި މީގެ ސަބަބުން އެ ކުއްޖާގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، މިފަދަ އަނިޔާވެރި ނުވަތަ ނުރައްކާތެރި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ނާޒުކު އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން، މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށްޓަކައި ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އަޅަމުންނެވެ.