ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން މާލޭގެ ބާސެލޯ ނަސަންދުރާގައި ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގެ ހަރަކާތްތައް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

Ad
rt

މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓުން ބައިވެރިވެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުންވެސް މި ހަރަކާތުގައި ބައިވެރިވެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނީ، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލްއަޤްވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި މަންސައެއް ކަމަށެވެ.

މި ފެއާގެ އެގްޒިބިޓަރެއްގެ ގޮތުގައި ޓީޓީއެމްގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ވީއެމްސީން ބައިވެރިވެއެވެ. މި ހަރަކާތުގެ ތެރެއިން ޚާއްޞަ ލައުންޖެއް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން، ޑީއެމްސީތައް، އެއާލައިންތައް އަދި މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަޤްވާމީ ބާޒާރުތަކާ ރާއްޖެ ގުޅުވައިދިނުމުގައާއި، ސިނާޢަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ފެއާ ނިންމާލުމުގެ ގޮތުން ބާއްވާ "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ" ބޭއްވުމަށް ހަމަޖެހިފައިވަނީ މި ބުރާސްފަތި ދުވަހުގެ ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. ވީއެމްސީން ބުނި ގޮތުގައި، މި ޙަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެއެވެ.