ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގައި މީހަކު މަރާލި ހދ. ނޮޅިވަރަންފަރު މީހާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ.

Ad
d

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މޫސައަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް މުހައްމަދު ބުނެފައިވީ ނަމަވެސް, އޭނާ ހަމަލާދިން ގޮތާއި އަދި ހަމަލާއަށްފަހު އަމަލުކުރި ގޮތާއި ހެކިންގެ ހެކިބަހަށް ބަލާއިރު އެއީ ގަސްދުގައި ދިން ހަމަލާއެއްކަން ސާބިތުވާ ކަމަށެވެ.

ކޯޓުން ވަނީ މޫސައަށް ހަމަލާދިން ގޮތް މުހައްމަދު ލައްވައި ކޯޓުން ވަނީ ކުޅުވައިފަ އެވެ. އެއީ ރާއްޖޭގައި މަރުގެ މައްސަލައެއްގައި އެގޮތަށް ކޯޓުން އަމަލުކުރި ފުރަތަމަ ފަހަރެވެ. އަދި އެކްސްޕާޓުންގެ ހާޒިރުގައި އެ މަންޒަރުތައް ކުޅުވުމުން އެކްސްޕާޓުން ވެސް ހެކިބަސް ދިނީ ހަމަލާދިން ގޮތަށް ބަލާއިރު ގަސްދުގައި ކުރި ކަމެއްކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި ގަސްދެއް ނެތް ކަމަށް ބުނާ ބުނުން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ގަސްދުގައި މީހަކު މެރުމުގެ ކުށް މުހައްމަދު މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މޫސަގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފައިވާތީ މުހައްމަދު މަރަން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.

Ad
df

މުހައްމަދު މަރަން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ އެވެ.