ހދ.ނައިވާދޫގެ ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުން، ސިވިލް ސަރވިސް ޤަވާޢިދަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
ނައިވައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުސްޠަފާ އިބްރާހީމް "ތިލަދުން"އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ސިވިލްސާވިސްގެ ބައެއް ޤަވާޢިދުތަކަށް ބަދަލުތަކެއް އަންނަމުންދާތީއާއެކު، ޤަވާޢިދުތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމެއް ކަމަށެވެ. އޭގެއިތުރުން، އެސްޖީ ވިދާޅުވި ގޮތުގައި ނައިވާދޫ ފަދަ ކުޑަކުޑަ މުޖުތަމައެއްގައި ހަމައެކަނި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް މި ޕްރޮގްރާމް ބޭއްވުމަށް ވުރެ، މި ކަމުގައި ރަށުގެ ހުރިހާ ސިވިލް ސާވިސް މުވައްޒަފުން، ބައިވެރިކުރުމަކީ އޭގެ އެންމެ އެދެވޭ ގޮތެވެ.
އެހެންކަމުން ނައިވައިދޫ ކައުންސިލް އިދާރާގެ 24 މުވައްޒަފުންނާއި، ނައިވަދޫ ސްކޫލްގެ 25 މުވައްޒަފުންނާއި އެ ރަށު ހެލްތުސެންޓަރުގެ 9 މުވައްޒަފުންގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ 2 މުވައްޒަފުން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.
22 އޯގަސްޓް 2026 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ގެ އެޓާނީ ނުޒްޙަތު ވަޙީދާއި، ސިވިލްސަރވިސް ޓްރެއިނިން އިންސްޓިޓިޔުޓްގެ ސީނިއަރ ޓްރެއިނިން ޑިވްލޮޕްމަަންޓް އެގްޒެކިޔުޓިވް އިބްރާހީމް ރަޝީދެވެ.
ނައިވައިދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ މައިގަނޑު ތިން ސެޝަނަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެޝަނުގައި މުވައްޒަފުން، ސިވިލްސާވިސްގެ ޤަވާޢިދަށް އަޙުލުވެރި ކުރުވައި، އިޞްލާޙުތައް ކިޔައިދީފައިވެއެވެ. އޭގެއިތުރުން މުވައްޒަފުންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ލިބިގެން ދިޔަކަމަށް އެ ކައުންސިލުން ފާހަގަ ކުރިއެވެ.
މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި، އަޙްލާޤާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމާ ގުޅޭ ގޮތުން މި ޕްރޮގްރާމްގެ ދެ ވަނަ ސެޝަންގައިވަނީ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.
އޭގެ އިތުރުން ތިންވަނަ ސެޝަން އަމާޒުކުރީ ސިވިލްސާވިސްގެ އިދާރާތަކުގެ ވެރިންނާއި ސުޕަވައިޒަރުންނަށެވެ. އެ ގޮތުން، އިސްލާޙީ ފިޔަވަޅުތައް އެޅުމުގައި، އިޖްރާއިއްތައް ފުރިހަމަ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް މި ސެޝަނުގައި ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދެއްވާފައިވެއެވެ.
ނައިވައިދޫ ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތްތާ ވެސް، ރަށުގެ އިދާރާތަކަށް އަމާޒުކޮށް، އެކިއެކި ދާއިރާތަކާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުންކަމުގައި އެ ކައުންސިލުން ހާމަކުރިއެވެ.
ވޭތުވެދިޔަ އަހަރު ވެސް ނައިވައިދޫ ކައުންސިލުންވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން، އެ ރަށުގެ އިދާރާތަކަށް އަމާޒުކޮށް، ޓީމް ބިލްޑިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!