ހޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 އިން އެސްޕަންޔޯލް ބަލިކޮށްފިއެވެ.

ލަލީގާ ސީޒަންގެ މި ފުރަތަމަ މެޗުގައި ރެއާލް މޮޅުކޮށްދިނީ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކާލޮސް އެސްޕީއެވެ.

Ad
rt

ރެއާލް ދޫކޮށް ދިޔަތާ 13 އަހަރު ފަހުން އެނބުރި ޓީމާ ހަވާލުވި މޮރީނިއޯގެ ފުރަތަމަ އެގާރައިގައި ކީލިއަން އެމްބާޕޭ، ވިނީޝިއަސް ޖޫނިއާ އަދި ޖޫޑް ބެލިންހަމް ހިމެނުނެވެ. މީގެއިތުރުން އާ ކުޅުންތެރިން ކަމަށްވާ ބެނާޑޯ ސިލްވާ، ޑެންޒެލް ޑަމްފްރީސް އަދި އިބްރާހިމާ ކޮނާޓޭ ވަނީ މި މެޗުގައި ރެއާލަށް ފުރަތަމަ މެޗު ކުޅެދީފައެވެ. މެޗުގެ ފުރަތަމަ ލަނޑު އަރްދާ ގުލާގެ ހިލޭ ޖެހުމަކުން ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރީ އެޓޭކިން މިޑްފީލްޑަރަކަށް ކުޅުނު ބެލިންހަމްއެވެ.

ނަމަވެސް، މެޗުގެ 30 ވަނަ މިނެޓުގައި ހާވީ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެލެކްސް ކަލަޓްރާވާ ވަނީ އެސްޕަންޔޯލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން މޮރީނިއޯ ވަނީ ޔާން ޑިއޮމާންޑޭ އަދި މާކް ކުކުރޭޔާ ކުޅެން އަރުވައިގެން ލަނޑެއް ޖެހޭތޯ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މެޗު އެއްވަރުވާން ދަނިކޮށް، 90 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއަށް ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލް މޮޅުކޮށްދިނީ އެސްޕީއެވެ.

ލީގުގައި ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު، ސެވިއްޔާއިން ވަނީ 3-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. އަދި ވެލެންސިއާ އާއި ސެލްޓަ ވިގޯ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.