މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗުގައި އިދިކޮޅު ކުޅުންތެރިންގެ ކަރާއި ބޮލާ ދިމާލުގައި އަތްލައި ހިންގި ވަކިވަކި އަމަލުތަކަކާ ގުޅިގެން، މިއާމީގެ ތަރި ލިއޮނަލް މެސީ އަދި ޑިފެންޑަރު އިއަން ފްރޭ ޖޫރިމަނާކޮށްފިއެވެ.
އެމްއެލްއެސް އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި މި ދެ ކުޅުންތެރިން ޖޫރިމަނާކޮށްފައިވަނީ 2-2 އިން އެއްވަރުވި އެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ހިނގި ހާދިސާތަކަކާ ގުޅިގެންނެވެ. ނަމަވެސް އެ ކުޅުންތެރިން ޖޫރިމަނާކުރި އަދަދެއް ލީގުން ހާމަކޮށްފައެއް ނުވެއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މެސީ ޖޫރިމަނާކޮށްފައިވަނީ ފިލަޑެލްފިއާ ޔޫނިއަންގެ ކުއިން ސުލިވަންއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހު، ސުލިވަންގެ ކަރުގެ ފަހަތުގައި ޖެހުމުންނެވެ. މި މެޗުގައި މެސީ ވަނީ ގޯލެއް ޖަހައި އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ. މިއީ އޭނާގެ ބައްޕަ ޖޯޖް މެސީ ނިޔާވި ފަހުން މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މީގެ އިތުރުން ފްރޭ ޖޫރިމަނާކުރި ހާދިސާގައި ވެސް ސުލިވަން ހިމެނެއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަންނަން އުޅުމުގެ ތެރޭގައި ސުލިވަންގެ ފައި ކަހާލައިގެން ވެއްޓި ފްރޭއާ ޕެކުވުމުން، ފްރޭ ވަނީ ސުލިވަންގެ ކަރުގައި ހިފާފައެވެ. އެއާއެކު ސުލިވަން ވަގުތުން ތެދުވެ ފްރޭ ގައިގައި ޖެހިގަނެ ޓެކުލްކޮށްފައިވެއެވެ.
އެމްއެލްއެސް އިން އިތުރަށް ހާމަކުރި ގޮތުގައި، ބުދަ ދުވަހު އެޓްލާންޓާ ޔުނައިޓެޑް އަތުން 2-1 އިން މިނެސޯޓާ ޔުނައިޓެޑް ބަލިވި މެޗުގެ ދެވަނަ ހާފުގައި، ފައުލެއް ދެއްކުމަށް ކަންތައްތަކެއް އޮޅުވާލައި ނާޖާއިޒު ފައިދާ ނަގަން އުޅުމުގެ (އެމްބެލިޝްމަންޓް) ކުށުގައި މިނެސޯޓާގެ ޑިފެންޑަރު އެންތަނީ މާކަނިޗް ވެސް ވަނީ ޖޫރިމަނާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!