ރޯޝަން ސައުދީ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުގައި، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އަލް އިއްތިހާދުން 1-0 ގެ ހަނި ނަތީޖާއަކުން އަލް ޤާދިސިއްޔާގެ މައްޗަށް ކުރިހޯދައިފިއެވެ.
މި މެޗުގައި އަލް އިއްތިހާދަށް ކާމިޔާބީ ހޯދައިދިން ހަމައެކަނި ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޯޖް އިލެނިކޭނާ އެވެ.
މެޗު ފަށައިގެން ވަރުގަދައަށް ކުޅުނީ އަލް ޤާދިސިއްޔާއިންނެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި މަޓެއޯ ރެޓެގުއީ ފޮނުވާލި ހަމަލާ ދިފާއީ ކުޅުންތެރިންގެ ހުރަހަކާ ހެދި ގޯލާ އަމާޒުނުވި ނަމަވެސް، އަލް އިއްތިހާދުން ވަނީ ވަގުތުން ރައްދު ހަމަލާއެއް ދީފައެވެ. އަދި މެޗުގެ 11 ވަނަ މިނެޓުގައި އަލް އިއްތިހާދުގެ ކީޕަރު ޕްރެޑްރަގް ރަޖްކޮވިޗް ވަނީ ޖޫލިއަން ކީނިއޯނެސް ހުސްކޮށް އަރައި ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މޮޅަށް ދިފާއުކޮށްފައެވެ.
އަލް ޤާދިސިއްޔާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިލެނިކޭނާ އަލް އިއްތިހާދަށް ލީޑު ނަގައިދިނުމެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އަލް އިއްތިހާދުގެ ލޮޕީ އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަލް ޤާދިސިއްޔާގެ ކީނިއޯނެސް ބޮލުން ގޯލެއް ޖެހި ނަމަވެސް، އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.
ކުޅުންތެރިއަކު އިތުރުވުމުގެ ފައިދާ ނަގައި އަލް ޤާދިސިއްޔާއިން ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހުނު ނަމަވެސް، އަލް އިއްތިހާދުގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވައި ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މިއީ ސީޒަނުގެ ފުރަތަމަ މެޗުގައި އަލް ޝަބާބް ބަލިކުރި އަލް ޤާދިސިއްޔާ މި ސީޒަނުގައި ވީ ފުރަތަމަ ބައްޔެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!