ސައުދީ ޕްރޯ ލީގުގެ ދެވަނަ ބުރުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ރިޔާޟްގެ މައްޗަށް 4-0 ގެ ފުރިހަމަ ކާމިޔާބީއެއް އަލް ނަސްރުން ހޯދައިފިއެވެ.

މި މޮޅާއެކު އަލް ނަސްރަށް ވަނީ 6 ޕޮއިންޓް ލިބި، ގޯލުގެ ތަފާތުން އަލް ހިލާލް ފަހަތަށް ޖައްސާލުމަށްފަހު ރޯޝަން ލީގު ތާވަލުގެ އެއްވަނަ މަގާމު ލިބިފައެވެ. މި މެޗުން ބަލިވި ރިޔާޟް އަދިވެސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައެވެ.

Ad
rt

މެޗުގެ 18 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ އަބްދުލްއިލާހް އަލް-އަމްރީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި (45+1) އަލް ނަސްރުގެ ދެވަނަ ލަނޑު ޖަހައިދިނީ ކަނާތްފަރާތުން އައި ބޯޅައެއް ގޯލަށް ވައްދާލައިގެން ގެބްރިއަލް އަންޖެލޯއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 58 ވަނަ މިނެޓުގައި ޔާއޯ ފެލިކްސް ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އަލް ނަސްރުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ރިޔާޟްގެ ކީޕަރަށް މި ބޯޅަ ހުއްޓުވުމަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.

ކޯޗު އާންޖް ޕޮސްޓެކޮގްލޫ ވަނީ މެޗުގެ 63 ވަނަ މިނެޓުގައި އަބްދުﷲ އަލް-ހަމްދާންގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އަރުވާފައެވެ. މިއީ އަލް-ދަރިއްޔާ އަދި އަލް-ފަތަހް އާ ދެކޮޅަށް ކުޅުނު މެޗުތައް ގެއްލުމަށްފަހު ޕޯޗުގަލްގެ ކެޕްޓަން އަލުން ކުޅުމުގެ ތެރެއަށް އައި މެޗެވެ. މެޗުގެ 83 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އަލް ނަސްރުގެ ހަތަރުވަނަ ލަނޑު ޖަހައި، ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި 977 ވަނަ ލަނޑެވެ.

މި ސީޒަނަކީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ފަހު ސީޒަނަށް ވުން އެކަށީގެންވާ ކަމަށް ބުނެފައިވާ ރޮނާލްޑޯ ވަނީ ލޯޗުގަލްގެ ގައުމީޓީމަށް 146 ލަނޑު ޖަހައިދީފައެވެ.