ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ބޮޑު ދެ ފޯރަމެއް ކަމަށްވާ "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އާއި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 23 އިން 25 އޮގަސްޓު 2026 އަށް ކުރިއަށްދާ މި ފޯރަމްތަކުގައި 30 އަށް ވުރެ ގިނަ ޤައުމުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ.

Ad
rt

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބާސެލް ނަސަންދުރަ މާލެ ހޮޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްތައް އިންތިޒާމު ކުރަނީ ދިވެހި ސަރުކާރާއި، އެންޓީގާ އެންޑް ބާބޫޑްގެ ސަރުކާރުގެ އިތުރުން އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯ.އެޗް.އާރު.އެލާ.އެލާ.އެސް) ގުޅިގެންކަމަށެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޚާރިޒީ ވުޒާރާއާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއެވެ.

މި ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑްގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް، އަދި ވަކިން ޚާއްޞަކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރުއެޅުއްވި އެޅުއްވުމުގެ ތެރެއިންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ކޮންފަރެންސްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޕްލޭނަރީ ސެޝަންތައް ޗެއާ ކުރައްވާފައެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރު ބޭއްވި ސިޑްސްގެ ތިންވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުން ފެށިގެން، ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ދައުލަތްތަކުގެ އިތުރުން، އެ ޤައުމުތަކުގެ ވިޔަފާރިތަކާއި، އިންވެސްޓަރުންނާއި، އެހީދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.

މި އަހަރުގެ ފޯރަމުގައި ވެސް ޖަޒީރާ ޤައުމުތަކުގައި ވިޔަފާރިކުރުމާއި އިންވެސްޓްކުރުމަށް ހުރި ދަތިތަކާއި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކޮށް، ތަޖުރިބާ ހިއްސާކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ރާއްޖެއިން ތަރައްޤީގެ މަގުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޔާދަކުރަނިވި ހަކަތަ އަދި ކޮންޒަވޭޝަންގެ ދާއިރާއިން ކުރަމުންދާ އީޖާދީ މަސައްކަތްތައް ދައްކާލުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

މި ފޯރަމްތަކުގެ ތެރެއިން ކުރިއަށްދާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އަކީ ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި ފާސްކުރި "އެންޓީގާ އެންޑް ބާބޫޑް އެޖެންޑް ފޯ ސްމޯލް އައިލެންޑް ޑިވެލޮފީން ސްޓޭޓްސް (އަބާސް)" ގެ ދަށުން ބާއްވާ ފޯރަމެކެވެ. މިއީ މި ފޯރަމް ރަސްމީކޮށް އިފްތިތާޙުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ މައިގަނޑު އަމާޒަކީ ޖަޒީރާ ޤައުމުތަކަށް އިންވެސްޓްމަންޓްތައް ހޯދުމާއި، އިންވެސްޓްކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ.

2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑްގައި ބޭއްވުނު ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގައި ރާއްޖެއިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، އެ ކޮންފަރެންސްގެ ތަފާތު ޕެނަލްތަކުގައި ރާއްޖެއިން ބައިވެރިވެ، މަތީ ފަންތީގެ ސައިޑް އިވެންޓުތަކެއް ބާއްވާފައިވެއެވެ. އަދި ރާއްޖެއަކީ އެ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި ޤައުމެކެވެ.