ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ހއ. ކެލާގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް) އަށް ހާއްސަ ތަމްރީނުތަކަކާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ އަމަލީ ތަމްރީނު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ، އެ އިދާރާގެ "ކޮމިއުނިޓީ-ބޭސްޑް ރެސިލިއަންސް ބިލްޑިންގ" (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތްތަކެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޔުނިސެފް މޯލްޑިވްސްއާ ގުޅިގެންނެވެ.

Ad
d

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ ދެ ދުވަހުގެ "ސާޓް އިންޑަކްޝަން ވޯކްޝޮޕް" ގައި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ އަސާސީ އުސޫލުތައް ބައިވެރިންނަށް ކިޔަވައިދީފައިވެއެވެ. މީގެ އިތުރުން، ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި ރަށު ފެންވަރުގައި ހަރަކާތްތެރިވާނެ ގޮތުގެ މުހިންމު ހުނަރުތައް ރަށުގެ މުޖުތަމައުގެ މެންބަރުންނަށް މި ތަމްރީނުގެ ތެރެއިން ދަސްކޮށްދީފައިވެއެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި، މި ތަމްރީނުގެ ތެރެއިން ކުރިއަށް ގެންދިޔަ އަމަލީ ފަރިތަކުރުންތަކުގެ ސަބަބުން ބައިވެރިންނަށް ކުއްލި ހާލަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ގޮތުގެ ތަޖުރިބާ ލިބިގެންގޮސްފައިވެއެވެ. މިއީ މުޖުތަމައުގެ ތައްޔާރުވުމުގެ ރޫހު ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މިފަދަ ތަމްރީނުތަކުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ، އަދި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ލިބިގެންވާ ބަޔަކަށް ހެދުމެވެ. މިގޮތުން ކެލާގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރަށްރަށުގެ ރެސިލިއަންސް ނުވަތަ ކާރިސާތަކުން އަރައިގަތުމުގެ ބާރު ވަރުގަދަކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ބައެކެވެ.

މި ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މީގެ ސަބަބުން ކެލާގެ ކުއްލި ހާލަތްތަކަށް އިޖާބަދޭ ޓީމުގެ ރެސްޕޮންސް ކެޕޭސިޓީ ނުވަތަ އިޖާބަދިނުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެންޑީއެމްއޭ އިން އުންމީދުކުރެއެވެ.

Ad
df

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ 19 އޯގަސްޓު 2026 އިން 20 އޯގަސްޓު 2026 ގެ ނިޔަލަށެވެ.