ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭގޮތުންނާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ. އެ ކޮމިޓީގެ މަޝްވަރާއަށް ރިޢާޔަތްކުރައްވައި، ސްކޫލް ނިޒާމްގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގެ ކަންކަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކުރިއަށްގެންދިއުމަށާއި، މި ކެމްޕޭން ވިލަރެސްކުރެވޭނޭ ނިޒާމެއް ކަނޑައެޅުމަށް ވަނީ ނިންމަވާފައެވެ.

Ad
rt

މީގެއިތުރުން، މި ކެމްޕޭނުގައި ރާއްޖޭގެ ވީހާވެސް ގިނަ މަދަނީ ޖަމުޢިއްޔާތައް ބައިވެރިކުރުމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވާނޭ ފަރާތެއް ހެލްތު މިނިސްޓްރީން އެކަށައެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު މި ކެމްޕެއިން އިތުރަށް ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ. އަދި އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.