ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫގެ ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ކުމުންދޫ މޮޅުވީ ފުރަތަމަ މެޗުން ހަނިމާދޫ ބަލިކޮށް ތިން ޕޮއިންޓާއެކު ކުޅެން ނުކުތް ނޮޅިވަރަންފަރުގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކުމުންދޫގެ ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. އެއީ އެޓީމްގެ ކެޕްޓަން ޢަލީ ހަސަން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ކުމުންދޫ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖަހައިދިން ކެޕްޓަން ޢަލީ ހަސަން އެވެ.
ނޮޅިވަރަންފަރުގައި ކުޅެމުން އަންނަ މި ބުރުގައި މި މެޗާއި ހަމައަށް އައިއިރު، ނޮޅިވަރަންފަރަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ ވެސް ވަނީ 3-1 އިން ނޭކުރެންދޫ ބަލިކޮށް ތިން ޕޮއިންޓް ހޯދާފައެވެ. ކުމުންދޫ ހޯދި މި މޮޅާއެކު އެ ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން އެފްއޭއެމް އިން ބާއްވާ މި މުބާރާތް ވެސް ވަނީ ހަތަރު ރީޖަނަންއަކަށް ބަހާލާފައެވެ. އެއީ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދިޔަ ގޮތަށެވެ.
ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!