ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށުމަށް އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާދެއްވާފައިވާކަން ވެސް އިއުލާނުކުރައްވާފައެވެ.

Ad
rt

އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި މި ޖަލްސާގައި ރައީސް ޝާހިދު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދީ، ރާއްޖެއަށް ހުދުމުހުތާރު ވެރިކަމެއް ގެނައުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި އެކަމުގައި ކޮންމެ ގުރުބާނީއެއް ވެވަޑައިގަތުމަށް ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުންނާ އެކު މަސައްކަތްކުރައްވަން ޖެހިފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، "މިއަދު ދިވެހިރާއްޖެ މި އޮތް ހާލަތު ބަދަލުކުރުމަށް ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެންބަރުންނާ އެކު، އެއް ޖޯޝެއްގައި އެއް ރޫހެއްގައި އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން މި ވަނީ ޖެހިފައި. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ މަތިވެރި އަޒުމުގައި، މާތް ﷲގެ ހަޟްރަތުން ވާގި އެދި ހުރެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން،" ކަމަށެވެ.

ކޮންމެ ފިކުރެއްގެ މެންބަރުން ގޮވައިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވަމުން ޝާހިދު އިތުރަށް ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރެއްވިއްޖެ ނަމަ، އެ ޕާޓީގެ ހުރިހާ އާންމު މެންބަރުންނާއެކު މަސައްކަތްކުރައްވާނެ ކަމަށާއި އޭނާ ވެވަޑައިގަންނަވާނީ "ހުރިހާ އާންމު މެންބަރުންގެ މީހަކަށް" ކަމަށެވެ.

ކެމްޕޭން ފެށުމުގެ މި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ޕާޓީގެ ރައީސްކަމުން ވަގުތުން އިސްތިއުފާދެއްވާކަން އިއުލާނުކުރައްވާފައެވެ. "ޕާޓީގެ ރައީސްކަމުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި މަސައްކަތްކޮށްފައި ވާނީ މިދެންނެވި އުސޫލުން. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރުމާ އެކު، މިއަދުން ފެށިގެން ފެށިގެން ޕާޓީގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާދީފިން،" ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން ރަސްމީކޮށް ހާމަކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އަންނަނީ ޕާޓީގެ އިސް ބޭފުޅުންނާއެކު މަޝްވަރާތައް ކުރައްވަމުންނެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް އަބްދުﷲ ޝާހިދު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ. ސިޔާސީ މަސައްކަތް ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިންނެވެ. އޭގެ ފަހުން މައުމޫނުގެ ވެރިކަމުގައާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް އެމަނިކުފާނު އަދާކުރައްވާފައިވެއެވެ.