އުރީދޫ ފިންޓެކްގެ "އެމް-ފައިސާ" މެދުވެރިކޮށް "ޓާސްކިން" އެޕްލިކޭޝަންގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިކަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.

އެމް-ފައިސާގެ ޚިދުމަތް ގުޅުވާލުމާއެކު، އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ޓާސްކިން މެދުވެރިކޮށް ހޯދާ ކޮންމެ ޚިދުމަތަކަށްވެސް އެމް-ފައިސާ ވޮލެޓު ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށް އުރީދޫ ފިންޓެކުން ބުންޏެވެ.

Ad
rt

ޓާސްކިން ފަދަ ޕްލެޓްފޯމްތަކުގައި ޑިޖިޓަލް މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގުފަހިކޮށްދިނުމަކީ، ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް އިޤްތިޞާދުގައި އަމިއްލަ ފަރުދުންނާއި ފްރީލާންސަރުންގެ އިތުރުން ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެމް-ފައިސާއިން ފޯރުކޮށްދޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޚިދުމަތް ބޭނުންކުރުމަށްޓަކައި ކަސްޓަމަރުންނަށް ފުރަތަމަ ޓާސްކިން އެޕް ޑައުންލޯޑް ކުރެވޭނެއެވެ. އެއަށްފަހު ބޭނުންވާ ޚިދުމަތެއް އިޚްތިޔާރުކޮށް، މަސައްކަތް ކުރާނެ "ޓާސްކަރެއް" ހަމަޖެއްސުމަށްފަހު އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ މުޢާމަލާތް ކުރިއަށް ގެންދެވޭނެއެވެ.

ރާއްޖޭގެ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމަކީ އުރީދޫ ފިންޓެކްގެ މުހިންމު އަމާޒެކެވެ. ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށާއި، އާންމު ދިރިއުޅުން ފަސޭހަކޮށްދޭ އީޖާދީ ހައްލުތައް ހޯދައިދިނުމަށް އެ ކުންފުނިން ދަނީ ސާބިތުކަމާއެކު މަސައްކަތް ކުރަމުންނެވެ.

ޓާސްކިންއަކީ އެކި ކަހަލަ މަސައްކަތްތައް ކުރުވަން ބޭނުންވާ ފަރާތްތަކާއި، އެފަދަ މަސައްކަތްތަކުގެ ހުނަރާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލައިދޭ ޑިޖިޓަލް މައިޒާނެކެވެ. މިއީ ޚިދުމަތް ހޯދާ ފަރާތްތަކާއި ހުނަރުވެރިން ގުޅުވައިދީ، ފްރީލާންސަރުންނާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އާ ފުރުޞަތުތަކެއް ހުޅުވާލައިދޭ ފަސޭހަ ޑިޖިޓަލް ބާޒާރެކެވެ.

ޓާސްކިން އެޕްލިކޭޝަނަކީ ގޭތެރޭގެ އާދައިގެ މަސައްކަތްތަކުން ފެށިގެން ޑިޖިޓަލް ރިމޯޓް މަސައްކަތްތަކަށް ދަންދެން، ކަސްޓަމަރުން ބޭނުންވާ ގިނަ ދާއިރާތަކުން ފަންނީ މީހުން ހޯދައި މަސައްކަތް ދިނުމުގެ ފުރުޞަތު ލިބިގެންދާ ޕްލެޓްފޯމެކެވެ. އަމިއްލަ ހުނަރު ބޭނުންކޮށްގެން ޢާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް "ޓާސްކަރުން"ގެ ގޮތުގައި މި ޕްލެޓްފޯމުގައި ރަޖިސްޓްރީވެވިދާނެއެވެ. އަދި ހުރި ފުރުޞަތުތައް ބަލައި، އެމީހުން ކުރަން ބޭނުންވާ މަސައްކަތްތަކަށް އެހެން ޚިދުމަތްތެރިންނާއެކު ބިޑުކުރުމުގެ ފުރުޞަތުވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ލިބިގެންދެއެވެ.