މި އަހަރުގެ ޤައުމީ ދުވަހަށް، ޤައުމީ ބަތަލު އުތީމު މުޙައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އެއް މަހާއި 15 ދުވަހުގެ އުތީމުގެ ރަށްޔިތުންގެ ބުރަ މަސައްކަތުން ޤައުމީ ދުވަހަށް އެރަށް ތައްޔާރުވެފައިވާކަމަށެވެ. ޢަބުދުﷲ ރަޝީދު ވަނީ އެމަސައްކަތުގައި އުތީމު ރައްޔިތުން ދެއްކެވި ނަމޫނާ އެއްބައިވަންތަކަމާއި، ހިތްވަރަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވާފައެވެ. އަދި ފަންނާ ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު ހީނާ ވަލީދާއި އެ ވުޒާރާއިން ދެއްވި އެއްބާރުލުން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
''ޤައުމީ ދުވަހަށް ރަށް ތައްޔާރު މިކުރެވުނީ އުތީމު ރައްޔިތުންގެ ބަދަހި ގުޅުމުގެ ސަބަބުން، ރަށުގެ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކާއި ޖުމްލަކޮށް ރަށުގެ އެންމެންގެ ބުރަ މަސައްކަތް މިއީ، މީގެ އިތުރުން ދާއިރާގެ އެމްޕީ ޝުޖާޢު އާއި ވަޒީރު ހީނާ އާއި ވުޒާރާގެ ނަން ފާހަގަކޮށްލަން، އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އޮތީ'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
މި އަހަރުގެ ޤައުމީ ދުވަހަކީ މާދަމާއެވެ. ޤައުމީ ދުވަސް ފެށިގެން ދާނީ މާދަމާ ހެނދުނު އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތު އޮންނާނީ ފަތިހު 5:45 ގައި އުތީމު ބަނދަރުގައެވެ. އެއަށްފަހު މާދަމާ ހަވީރު 16:30 ގައި އެރަށު ގަނޑުވަރު މައިދާނުގައި އިސްރަށްވެހިންނާއި ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ. އަދި މާދަމާ ރޭ 09:00 ގައި މޫސާމަގު ބީޗްގައި ހަވާއެރުވުން އޮންނާނެއެވެ.
ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އަދި އުއްތަމަ ފަނޑިޔާރު އަބުދުލްޣަނީ މުހައްމަދު ވެސް މާދަމާ އުތީމަށް ވަޑައިގަންނަވާނެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް އެރަށަށް ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.
ގައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭ އޮންނާނީ ސަގާފީ ސޯވ އެވެ. އަދި އާދީއްތަ ދުވަހުގެ ރޭ ބޮޑުބެރު ޝޯވ އޮންނާނެއެވެ.
ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ "ބާޒު" ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ.
އުމަށް އަލުން މިނިވަންކަން ހޯދައިދީ، ޤައުމިއްޔަތާއި، އިސްލާމްދީނާއި، ބަހާއި އަދި ސަޤާފަތުގެ ހިމާޔަތުގައި އަތްވާއި ވާރޭގައި ޕޯޗުގީޒުންގެ ގަދަފަދަ ލަސްކަރާ ދެކޮޅަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުން މި ދިވެހި ފަސްގަނޑަށް މިނިވަންކަން ލިބިގެންދިޔައީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 ން 993 އަށެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު، އަވަހާރަވީ 1 ރަމަޟާން 993 ހ ގައެވެ. އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!