ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

Ad
rt

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މެސެޖުގައި ރައީސް ވަނީ، ތަފާތު ޙާލަތްތަކުން އަންނަ ޒުވާނުންގެ މެދުގައި ހުރި އުންމީދުތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އެމީހުންގެ ދައުރު ބޮޑުކަން ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، މަތީ ތަޢުލީމާއި، ހުނަރު ތަރައްޤީކުރުމާއި، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ތަޢުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް އޮމާންކަމާއެކު ބަދަލުވުމަށް އެހީތެރިވުމުގެ ގޮތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސަރވިސް ޕްރޮގްރާމް ފަދަ އިނިޝިއޭޓިވްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އިޖުތިމާޢީ މީޑިއާ މަންސަ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޒުވާނުންގެ އުފެއްދުންތެރިކަމާއި، ވިލުންތެރިކަމާއި، އަޒުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުތަކާއި ޤައުމު ތަފާތު ގޮތްގޮތުން ބައްޓަންކުރަމުންދާ ބާރެއްކަމަށް ވިދާޅުވެފައެވެ.

ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތަޢުރީފުކުރައްވަމުން ރައީސް ވިދާޅުވީ، ޒުވާނުންގެ އިޚުލާޞްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަންޒިލަށް ޤައުމު މިސްރާބު ޖަހާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނަށް އެބިއޮތް ކަމަށެވެ.

"މި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހު، އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ބާރު ކަމުގައިވާ އަޅުގަނޑުމެންގެ ޒުވާނުންނެވެ. އެކުދިންގެ އުފެއްދުންތެރިކަމާއި، ވިލުންތެރިކަމާއި، އަޒުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުތަކާއި ޤައުމު ތަފާތު ގޮތްގޮތުން ބައްޓަންކުރަމުންދާ ބާރެކެވެ." ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވެސް ވަނީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ޒުވާނުންނަށް ފޮނުއްވައި މީސްމީޑިއާގައި ޕޯސްޓެއް ކުރަށްވާފައެވެ.