އިސްރާއީލަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިދާނެ ފަދަ މުދާތަކެއް އެކުލެވޭ ކާގޯ ކޮންޓޭނަރެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓައިފިއެވެ. މި ކޮންޓޭނަރު ހިފަހައްޓާފައިވަނީ ޖޯހޯރުގައި އޮންނަ ޕޯޓް އޮފް ތަންޖުންގް ޕެލެޕަސްއިންނެވެ.
މެލޭޝިޔާގެ ބޯޑަރު ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އޭޖެންސީ (އޭކޭޕީއެސް) އިން މި ކޮންޓޭނަރު ހިފެހެއްޓީ ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަކަށް ބަލައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި މި މުދާ ފޮނުވަން އުޅުމަކީ މެލޭޝިޔާގެ ކަސްޓަމްސް (ޕްރޮހިބިޝަން އޮން އެކްސްޕޯޓް) އޯޑަރު 2023 އާ ހިލާފު އަމަލެކެވެ. މި ގަވާއިދުގެ ދަށުން އިސްރާއީލަށް ސީދާކޮށް އަދި ނުސީދާކޮށްވެސް މުދާ އެކްސްޕޯޓްކުރުން އޮންނަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، މި ކޮންޓޭނަރުގައި ހުރި މުދަލަކީ އަސްކަރީ އަދި އާންމު ބޭނުންތަކަށް ބޭނުންކުރެވޭ ފަދަ "ޑިއުއަލް-ޔޫސް" މުދާ ކަމަށްވާތީ، މެލޭޝިޔާގެ ސްޓްރެޓީޖިކް ޓްރޭޑް އެކްޓާ ހިލާފުވެފައިވޭތޯވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އޭކޭޕީއެސްއިން ކުރި މަސައްކަތަށް އާންމުކޮށް ތައުރީފު ކުރައްވާފައެވެ. ބޮޑުވަޒީރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަސްކަރީ އަމަލުތަކަށް އެހީތެރިވެދޭ ފަދަ ވިޔަފާރިތަކަށް މެލޭޝިޔާގެ ޓްރާންސިޓް ވަސީލަތްތަކާއި ލޮޖިސްޓިކްސް ވިއުގާތައް ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މެލޭޝިޔާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މެލޭޝިޔާއިން ވަނީ އިސްރާއީލުގެ ދިދަ ޖަހާފައިވާ އުޅަންދުފަހަރާއި، އިސްރާއީލުގެ ޒިމް ޝިޕިން ކުންފުނީގެ އުޅަންދުތައް މެލޭޝިޔާގެ ބަނދަރުތަކުގައި ބަނދަރުކުރުން މަނާކޮށްފައެވެ. މި ފިޔަވަޅުތަކަކީ އިސްރާއީލަށް ހަތިޔާރާއި އަސްކަރީ މުދާ ފޮނުވުން ހުއްޓުވުމަށް "ދަ ހޭގް ގްރޫޕް" ގެ ދަށުން މެލޭޝިޔާއިން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަޅަމުންދާ ފިޔަވަޅުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!