ހދ. ނާގޯށި ހިމެނޭހެން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ރަށެއްގެ ހެޑްލީސް ޙައްޤެއް ނުވަތަ ހަރުމުދަލެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީޑީސީން މިކަން ހާމަކުރީ އެ ކުންފުނީގެ ބައެއް ރަށްތައް ވިއްކާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

Ad
rt

އެމްޓީޑީސީން ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ، އަދި ބ. ކިހަވައްހުރަވަޅި އަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް އެ ކުންފުނިން ކުއްޔަށް ހިފާފައިވާ ރަށްތަކެއް ކަމަށެވެ. އަދި މި ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހާ ޙައްޤުތަކުގެ މިލްކުވެރި ފަރާތަކީ އެމްޓީޑީސީ ކަމަށްވެސް އެ ކުންފުނިން ބުނެފަވެއެވެ.

"މިއިން އެއްވެސް ރަށެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާ ގުޅުންހުރި ޙައްޤުގެ އެއްވެސް މިންވަރެއް ވިއްކުމަށް، އެހެން ފަރާތަކަށް ދޫކޮށްލުމަށް، ނުވަތަ މިނޫންވެސް މިފަދަ އެހެން މުޢާމަލާތެއް މެދުވެރިކޮށް، މި ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ޙައްޤު ނުވަތަ މަސްލަހަތު، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް، ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް މި ކުންފުނިން ނިންމާފައެއް ނުވާނެ" އެމްޓީޑީސީގެ ބަޔާނުގައި ބުނެފަވެއެވެ.

މީގެއިތުރުން، އެއްވެސް މުދަލަކާ ގުޅުންހުރި ޙައްޤެއް ވިއްކާލުމުގެ ނުވަތަ އެފަދަ ޙައްޤަކަށް ނޭދެވޭ އަސަރުކުރާފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާކަމުގެ ޔަޤީންކަން އެމްޓީޑީސީން ވަނީ ހިއްސާދާރުންނަށާއި އެކަމުގައި މަސްލަހަތުހިމެނޭ ފަރާތްތަކަށް ދީފައެވެ.

އެހެންކަމުން، އެމްޓީޑީސީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީޑީސީން އިތުރަށް ބުނީ، ކުރިމަގުގައިވެސް ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ހާމަކުރަންޖެހޭ އެންމެހާ މުއާމަލާތްތައް ރަސްމީކޮށް ހާމަކުރަމުންދާނެ ކަމަށެވެ. އަދި ކުންފުނީގެ ޕްރޮޖެކްޓްތަކާއި މުޢާމަލާތްތަކާ ގުޅޭގޮތުން ފެތުރޭ ވާހަކަތަކަށް ސަމާލުކަން ނުދީ، ކުންފުނިން ރަސްމީކޮށް ހާމަކުރާ މަޢުލޫމާތަށް ބަރޯސާވުމަށް ހިއްސާދާރުންގެ ކިބައިން އެމްޓީޑީސީން ވަނީ އެދިފައެވެ.