ޔޫރޮޕާ ލީގުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗެއްގައި އިސްރާއީލުގެ މަކާބީ ތެލް-އަވީވްގެ ސަޕޯޓަރުން ބަޑިބޭސް ބޭނުންކުރުމާ ގުޅިގެން، އެ ކްލަބުގެ ކުރިއަށް އޮތް ހޯމް މެޗު ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުމަށް ޔޫއެފާއިން ހޯމަ ދުވަހު އަމުރުކޮށްފިއެވެ.
މި ނިންމުމާ ގުޅިގެން، އަންނަ ބުރާސްފަތި ދުވަހު ޖޯޖިއާގެ ބަޓޫމީގައި ސީއެސްކޭއޭ ސޯފިއާއާ ދެކޮޅަށް މަކާބީ ކުޅޭ މެޗު ކުރިއަށްދާނީ އެއްވެސް ސަޕޯޓަރަކު ނުވައްދައެވެ. މިއީ މިދިޔަ ހަފުތާގައި ޝެރިފް ޓިރަސްޕޯލް އަތުން 1-0 އިން މަކާބީ މޮޅުވި މެޗުގައި ހިނގި ހާދިސާތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
ޔޫއެފާގެ އެޕީލް ޕެނަލުން ނެރުނު އަވަސް ނިންމުމެއްގައި ބުނެފައިވަނީ، މަކާބީން 40,000 ޔޫރޯ (46,000 ޑޮލަރު) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެ ކަމަށާއި، އަދި އެ ޓީމުގެ ކުރިއަށް އޮތް ހޯމް މެޗު ކުޅެންވާނީ "ބިހައިންޑް ކްލޯޒްޑް ޑޯޒް" ނުވަތަ ބަންދުކުރެވިފައިވާ ދޮރުތަކެއްގެ ފަހަތުގައި ކަމަށެވެ.
އޮކްޓޯބަރު 2023 ގައި ހަމާސްއާއެކު ފެށުނު ހަނގުރާމައިގެ ސަބަބުން، ސަލާމަތީ ސަބަބުތަކަށްޓަކައި އިސްރާއީލުގެ ގައުމީ ޓީމުތަކާއި ކްލަބުތަކުން ޔޫއެފާގެ މުބާރާތްތަކުގައި ހޯމް މެޗުތައް ކުޅެމުންދަނީ އެހެން ގައުމުތަކުގެ ނިއުޓްރަލް ދަނޑުތަކުގައެވެ. މިދިޔަ ބުރާސްފަތި ދުވަހު މޮލްޑޯވާގެ ޝެރިފްއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ދަނޑަށް ވަދެފައިވަނީ 1,012 ސަޕޯޓަރުންނެވެ.
ޔޫއެފާގެ ހެޑްކުއާޓަރޒްގައި މިއަދު ނެގި ކޮލިފައިން ޕްލޭއޮފް ބުރުގެ ގުރުއަތުލުމުން ދައްކާގޮތުގައި، މަކާބީ އާއި ސީއެސްކޭއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ވާދަކުރަން ޖެހޭނީ އޯއެފްއައި ކްރީޓްއާއެވެ. އެ މެޗުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 20 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!