ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފިއެވެ. މިއީ މި ޝަރަފުވެރި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.
އޭބީއޭގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން އެ އެސޯސިއޭޝަންގެ ބޯޑުން ނިންމާފައިވަނީ، ޝަރީފް މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައި ކަމަށެވެ.
މުހައްމަދު ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ. އެ މުއްދަތުގައި އެސޯސިއޭޝަންގެ އިސްތިރާޖީ މަސައްކަތްތަކުގައާއި، ސަރަހައްދީ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ޝަރީފްގެ މި ކާމިޔާބީ އަށް ގައުމީ ބޭންކުން މަރުޙަބާ ކިޔާފައިވާއިރު އެ ބޭންކުން ބުނީ ލީޑަޝިޕަށް އޮތް އިތުބާރު ހާމަވެގެންދިޔައީ، 2025 ވަނަ އަހަރު އަނެއްކާވެސް އޭނާ ވައިސް ޗެއާމަންގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ކަމަށެވެ.
ޝަރީފް މި މަގާމަށް ހަމަޖެއްސުމާއެކު، އޭޝިއާ ސަރަހައްދުގެ ބޭންކިންގ ސިނާއަތް ކުރިއެރުވުމުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!