މާލޭ ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްގީކުރި ބައިގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަންގެ މަސައްކަތް ފުރިހަމަނުކުރެވޭތީ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މިކަން ހާމަކުރީ މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި އެ މަގުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެމްޓީސީސީން ބުނީ، ސަރުކާރުން ހަވާލުކޮށްގެން ތަރައްގީކުރި ބޮޑުތަކުރުފާނުމަގު އާންމު ދަތުރުފަތުރަށް ހުޅުވާލި ނަމަވެސް، އެ މަގުގައި ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ހުރިކަން މީގެކުރިން (މި މަހުގެ 24 ގައި) ނެރުނު ބަޔާނުގައިވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

ޕަމްޕު ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކަމަށާއި އެމަސައްކަތުގެ ތެރެއިން 3 ޕަމްޕު ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް ކޮމިޝަންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ. މިމުއްދަތުގެތެރޭގައި، ޕަމްޕުތަކުގެ މަސައްކަތް ނިމެންދެން މޫސުމީ ވިއްސާރައިގައި މަގުގައި ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރުއަޅައިގެން ތަރައްގީކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!