ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެ އިޓަލީގެ ފުޓްބޯޅަ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮއްވައި، އެ ގައުމަށް 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ އަނެއްކާވެސް ޓީމާ ހަވާލުވެއްޖެއެވެ. މިއީ ގައުމީ ޓީމުގެ ކޯޗުކަމުން އޭނާ ކުއްލި ގޮތަކަށް ވަކިވިތާ ތިން އަހަރު ފަހުންނެވެ.
އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޖިއޮވާނީ މަލާގޯ އަންގާރަ ދުވަހު އިއުލާންކުރެއްވި ގޮތުގައި، މަންޗިނީއާއެކު ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީއެވެ. މި ނިންމުން އައިސްފައިވަނީ އެ މަގާމަށް އައްޔަންކުރިތާ އެންމެ 16 ދުވަސް ތެރޭގައި ޕައޮލޯ މަލްޑިނީ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މަލާގޯ ވިދާޅުވީ ވަގުތު ކުޑަތަންވަމުންދާތީ، އިޓަލީގެ ކޯޗުކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ މަންޗިނީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އުމުރުން 61 އަހަރުގެ މަންޗިނީ ވަނީ 2021 ވަނަ އަހަރު އިޓަލީއަށް ޔޫރަޕްގެ ތަށި ހޯދައިދީ، ބައިނަލްއަގުވާމީ 37 މެޗުން ބަލިނުވެ ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައެވެ. ނަމަވެސް 2022 ގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ވެސް މަގާމުގައި ހުރުމަށްފަހު، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދީ ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ހަވާލުވެފައެވެ. މަލާގޯ ވިދާޅުވީ މަންޗިނީ ކުރިން ޓީމު ދޫކޮށްލި ގޮތާމެދު މިހާރު މައާފަށް އެދިފައިވާ ކަމަށާއި، ހުރިހާ ކަމަކަށް ބެލުމަށްފަހު އޭނާ އަލުން ގެންނަން ނިންމީ ކަމަށެވެ.
އިޓަލީ ޓީމު މިވަގުތު އޮތީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ބޮސްނިއާ އަތުން ބަލިވެ، މުބާރާތަށް ކޮލިފައިނުވުމުން އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގަބްރިއޭލް ގްރަވީނާ އާއި ކޯޗު ޖެނާރޯ ގަޓޫސޯ ވަނީ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދީފައެވެ. މީގެ އިތުރުން އެންމެ ފަހުން ކޯޗަކަށް ހުރި ލޫސިއާނޯ ސްޕަލެއްޓީ ވެސް ވަނީ ނޯވޭ އަތުން ބަލިވުމާ ގުޅިގެން މަގާމުން ވަކިކޮށްފައެވެ.
މި މަގާމަށް އެންމެ ފުރަތަމަ ބެލީ އަންދްރެއާ ޕިރްލޯ ގެނައުމަށެވެ. ނަމަވެސް ރަޝިޔާގެ ބެޓިން ކުންފުންޏަކާއެކު އޮތް ސްޕޮންސަރޝިޕް އެއްބަސްވުމެއްގެ ސަބަބުން ކުރިމަތިވި ސިޔާސީ މައްސަލަތަކާ ހުރެ އޭނާ ވަނީ ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައެވެ. މީގެ އިތުރުން ޕެޕް ގާޑިއޯލާ އާއި ކާލޯ އަންޗެލޮޓީ ވެސް ވަނީ އިޓަލީގެ ކޯޗުކަމާ ހަވާލުވާން އިންކާރުކޮށްފައެވެ.
މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީން ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންނަ ނޭޝަންސް ލީގު މެޗުތަކަށެވެ. އެ މުބާރާތުގައި އިޓަލީ ވާދަކުރަން ޖެހޭނީ ބެލްޖިއަމް، ތުރުކީ އަދި ފްރާންސާ އެކުގައެވެ. މަލާގޯ ވިދާޅުވީ ޓީމަށް ކުއްލި ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ނުކުރުމަށާއި، މިހާރު އޮތް ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!