ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި ދެކުނު ކޮރެއާގެ ހުނަރުވެރި މިޑްފީލްޑަރު ލީ ކަންގް-އިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވާކަން އެ ކްލަބުން ހޮނިހިރު ދުވަހު އިއުލާންކޮށްފިއެވެ.

އެތުލެޓިކޯ މެޑްރިޑުން ހާމަކުރި ގޮތުގައި އުމުރުން 25 އަހަރުގެ ލީ އެ ކްލަބާއެކު ސޮއިކުރާނީ ޖޫން 2031 ގެ ނިޔަލަށެވެ. މި ޓްރާންސްފާގެ އަގު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި މިއީ 35 މިލިއަން އާއި 40 މިލިއަން ޔޫރޯ (39.8 މިލިއަން އާއި 45.5 މިލިއަން ޑޮލަރު) އާ ދެމެދުގެ އަދަދެކެވެ.

Ad
rt

ދެކުނު ކޮރެއާގެ އިންޗިއޮން އަށް އުފަން ލީ އަކީ ސްޕެއިންގެ ފުޓްބޯޅައަށް އާ ކުޅުންތެރިއެއް ނޫނެވެ. އޭނާ އުމުރުން އެންމެ 10 އަހަރުގައި ސްޕެއިނަށް ބަދަލުވީ ވެލެންސިއާގެ އެކަޑަމީއާ ގުޅުމަށެވެ. ވެލެންސިއާގެ ސީނިއާ ޓީމަށް 62 މެޗު ކުޅެދިނުމަށްފަހު، މަޔޯކާގައި ވެސް އޭނާ ވަނީ ދުވަސްތަކެއް ހޭދަކޮށްފައެވެ. ލީ ޕީއެސްޖީއާ ގުޅުނީ 2023 ވަނަ އަހަރުގައެވެ. އެޓީމަށް ކުޅުނު 124 މެޗުގައި އޭނާ ވަނީ 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ލީ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް އޭނާ ކުޅުނު ނަމަވެސް، ދެ މެޗުން ބަލިވުމާ ގުޅިގެން ދެކުނު ކޮރެއާ އަށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭގޮތް ވަނީ ނުވެފައެވެ.

އެތުލެޓިކޯ މެޑްރިޑުން ލީ ގެނައީ އެ ކްލަބުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން އެމްއެލްއެސް އަށް ބަދަލުވުމާ ގުޅިގެން އުފެދުނު ހުސްކަން ފޫބެއްދުމަށެވެ. ލީ އަކީ މެދުތެރެއިން ކުޅުން އުފެއްދުމުގައި ހުނަރުވެރި ކުޅުންތެރިއަކަށް ވުމާއެކު، އޭނާގެ ސަބަބުން ޓީމުގެ އެޓޭކިންގް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

ނިމިދިޔަ ސީޒަނުގައި ލަ ލީގާގެ ހަތަރުވަނަ ހޯދައި، ކޮޕާ ޑެލް ރޭގެ ފައިނަލާ ހަމައަށް ދަތުރުކުރި އެތުލެޓިކޯ އަށް ލީ ގުޅުމަކީ އަންނަ ސީޒަނަށް އެޓީމު ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.