ހުޅުމާލޭގައި ތަރައްގީކުރާ މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޢަފޫރު (ޔޫސޭ) އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީ އެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފޭސް އެކެއްގެ 29,490 އަކަފޫޓުގެ ސަރަހައްދެއްގައި 14 ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މި އިމާރާތަކީ މާލޭގެ ގިނަ ކޯޓުތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
މި ކޯޓު ކޮމްޕްލެކްސްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އޮފީސްތަކުގެ ތެރޭގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު، ފެމިލީ ކޯޓު، އަދި ހައި ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިމެނެއެވެ.
ޖުމްލަ 699.86 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢު ނިމުމުން، ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދާ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!