މިފަހަރުގެ ވޯލްޑް ކަޕްގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ އެންމެ ބޮޑު ކްލަބް ކަމަށްވާ ކޯލޯ ކޯލޯއަށް ސޮއިކޮށްފިއެވެ.
އުމުރުން 40 އަހަރުގެ ވޮޒީނިއާ މި ކްލަބަށް ސޮއިކުރީ ވޯލްޑް ކަޕްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރަމުންދަނިކޮށެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަން ސްޕެއިން އާއި އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވޮޒީނިއާ ދެއްކި ހުޝިޔާރު ސޭވްތަކާއެކު އޭނާ ވެފައިވަނީ މި މުބާރާތުގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަށެވެ.
ކޭޕް ވާޑްގެ ކީޕަރ ބޯޅައެއް ފޮނުވާލާއިރު މެސީ އެ ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ، ކޭޕް ވަޑާއި ކީޕަރ ވަނީ ދުނިޔެ ހައިރާންކޮށްލާފައި، ފޮޓޯ: ރޮއިޓާސް
ކޯލޯ ކޯލޯގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި "މަރުހަބާ، އަހަރެމެން މިތިބީ ކަލެއަށް އިންތިޒާރުގައެވެ" މިހެން ލިޔެ ކުރި ޕޯސްޓާއެކު އެ ކްލަބުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް އުފެދިފައެވެ.
ކޯލޯ ކޯލޯ މެނޭޖްކުރާ ބްލާންކޯ އީ ނެގްރޯ ކުންފުނީގެ ރައީސް އަނީބަލް މޯސާ ވިދާޅުވި ގޮތުގައި، ވޯލްޑް ކަޕް ފެށުނުއިރު އެއްވެސް ކްލަބަކާއެކު އެއްބަސްވުމެއް ނެތް ވޮޒީނިއާ ކުރިއަށް އޮތް ދުވަސްތަކުގައި ޗިލީއަށް ދަތުރުކުރާނެއެވެ.
ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ
"ވޮޒީނިއާ ވާނީ ކޯލޯ ކޯލޯގެ ކުޅުންތެރިއަކަށް. މެޑިކަލް ޓެސްޓުތަކަށްފަހު ސެންޓިއާގޯގެ އެސްޓާޑިއޯ މޮނިއުމެންޓަލްގައި އޭނާ ރަސްމީކޮށް ދައްކާލާނެ،" މޯސާ މީޑިއާތަކަށް މައުލޫމާތު ދެއްވިއެވެ.
ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ އުރުގުއޭ މެޗުގައި ސޭވެއް ކުރަނީ، ފޮޓޯ: އޭޕީ
ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވޮޒީނިއާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގައެވެ. ޖޮސިމާ ޑިއާސްގެ ނަމުން މަޝްހޫރު ވޮޒީނިއާ ވަނީ އެފްރިކާގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ކޭޕް ވާޑް ގޮވައިގެން މުބާރާތުގެ ގަދަ 32 އާ ހަމައަށް ދަތުރުކޮށްފައެވެ. އެ ޓީމު މުބާރާތުން ކެޓީ އާޖެންޓީނާއާ ދެކޮޅަށް ކުޅެ އިތުރު ވަގުތުގައި 3-2 އިން ބަލިވުމުންނެވެ.
ވޯލްޑް ކަޕްގައި ލިބުނު މަގުބޫލުކަމާއެކު ވޮޒީނިއާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު ވަނީ 50،000 އިން ގާތްގަނޑަކަށް 29 މިލިއަނަށް އިތުރުވެފައެވެ. މިއީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!