މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި، ސަރުކާރުގެ މައި ދެ ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް ގުޅުނު މި ޑޮކްޓަރުންނަކީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ޚިދުމަތް ދެއްވުމަށް ތަމްރީނު ފުރިހަމަކުރެއްވި ބޭފުޅުން ކަމަށެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ހަލީމް ވަނީ އެ ހުރިހާ ޑޮކްޓަރުންނަށް މަރުޙަބާ ދަންނަވާފައެވެ.
ޚިދުމަތާ އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ފަދަ މުހިންމު ދާއިރާތައް ހިމެނޭކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް ގައި ޚިދުމަތްކުރެއްވުމަށް، މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި ގުޅިވަޑައިގެންފައިވާތީ، އަޅުގަނޑުމެން MCGH ގެ ޓީމުން މިކާމިޔާބީ ނުހަނު އުފަލާއެކު… pic.twitter.com/mvsVDmcZqY
— Haleem (@22halex) July 23, 2026
މީގެ އިތުރުން ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ ދާއިރާތަކުން ވެސް އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ހަލީމް ވިދާޅުވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ އާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތައާރަފްކުރުމުގެ އިތުރުން، ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
"މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވަނީ ސިއްހީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެމްސީޖީއެޗްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އޭނާ އިލްތިމާސްކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!