ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ ނުވަތަ ފަންނީ މަރާމާތުގެ މަސައްކަތްތައް މި މަހުގެ 21 ވާ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު މިއަދު ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ތާވަލުކޮށްފައިވާ ގޮތުގައި މި މަސައްކަތްތައް ކުރިއަށްދާނީ މި މަހުގެ 21 އިން ފެށިގެން 31 ގެ ނިޔަލަށެވެ.
މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ސްޓެލްކޯ އިން އިތުރަށް ބުނެފައިވަނީ، މިއީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަމެއް ކަމަށާއި، މި ކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!