ރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ. މީގެ އިތުރުން، މި މަޝްރޫއު ތަންފީޒުކުރާ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މި ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ސިއްހީ ދިރިއުޅުމަކަށް ބޭނުންވާ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މަޝްރޫއަކީ އަންހެނުން ބާރުވެރިކުރުވުމަށާއި، މުޖުތަމައުގައި ހަމަހަމަކަން ގާއިމުކުރުމުގެ އިތުރުން އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އިންޑިއާއާއި ރާއްޖޭގެ ތަރައްގީގެ ބައިވެރިވުމުގައި ހާސިލުކުރެވުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ސޮއިކުރެވުނު މި ފަހުމުނާމާގެ ސަބަބުން 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!