ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު އެތަނުން ނުކުމެ އެރަށު މީހަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން 2026 ޖުލައި 14 ވަނަ ދުވަހުގެ ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

Ad
rt

''މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ، މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މަސައްކަތް ކުރަމުން'' ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި މި ކުދިންތައް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުން ނުކުމެ ހަމަލާދީފައި ވަނީ އެ ސެންޓަރާ ދިމާ އަތިރި މަތީގައި މަސް ބާނަން ހުރި މީހަކަށެވެ. ފުރަތަމަ ބަހުގެ ހަމަލާތައް ބަދަލުކޮށް، ޒުވާބުކުރުމަށްފަހު އެމީހާ އަށް އެކުދިން ވަނީ ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިކަމަށް މައުލޫމާތު ލިބެއެވެ.

އެމީހާ އެކުދިންގެ ހަމަލާތަކުން ސަލާމަތްވުމަށް ވަނީ އެ ސަރަހައްދުގައި ހުރި ފަޅުގެއަކަށްކަމަށްވެއެވެ. އެމީހާ އެ ގެއަށް ވަނުމުން އެކުދިން ވަނީ އެމީހާ ފަހަތުން އެގެއަށްވަދެ ހަމަލާދީފައެވެ. އެމީހާ ފަރުވާއަށް ގެންދިޔައީ އެ ގެއިތެރެއިން ނެރެގެންކަމަށް އެނގިފަވެއެވެ.

މި ހާދިސާއާއި ގުޅިގެން ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ކައިރިއަށް ރޭ ވަނީ އެ ރަށު ބަޔަކު އެއްވެ އިހްތިޖާޖުވެސް ކޮށްފައެވެ.

މި ހާދިސާގައި އަނިޔާވި މީހާ އަށް މިހާރު ފަރުވާދެމުން އަންނަނީ ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައެވެ.

15.6 މިލިއަން ޚަރަދުކޮށްގެން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހޯރަފުށީގައި ތަރައްގީކުރި ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ރަސްމީކޮށް ހުޅުވީ 30 ޖޫން 2025 ގައެވެ.

މިތަނާއި ގުޅޭގޮތުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފައި ވަނީ ހޯރަފުށީގައި ހުޅުވި މަރުކަޒަކީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުދިންނަށް ފަރުވާ ދެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ތަރައްޤީކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި ދިގު މުއްދަތަކަށް ބަންދުގައި ތިބުމަށް ފަހު، އެ ކުދިންގެ ހާލަތައް ބިނާކޮށް ކުއްޖާ އަށް ބޭނުންވާ ހާއްސަ ފަރުވާތައް އެ ތަނުން ދެވޭނެ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފަވެއެވެ.