ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ" ގެ ދަށުން، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސް އިންދުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރުޢޫއަށް އެއްބާރުލުން ދިނުމެވެ.
މީގެ އިތުރުން، ރާއްޖޭގެ އާދަކާދައިގެ މަތިން ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް، އެފަދަ ގަސްތައް ނެތިދިޔަނުދީ ދިރުވައި އާލާކުރުމަކީވެސް މި މަސައްކަތުގެ މުހިންމު ބޭނުމެކެވެ.
މި ހަރަކާތުގެ ދަށުން ހިޔާ ޕާކު ސަރަޙައްދުގައި ވަނީ ދިވެހި ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ތަފާތު ގިނަ ބާވަތްތަކުގެ ގަސްތައް އިންދާފައެވެ.
މިއަދު ބޭއްވުނު މި ހަރަކާތުގައި އެޗް.ޑީ.ސީގެ އިސްވެރިންނާއި، ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!