ށ. ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޖުލައި މަހުގެ 4 އިން 12 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 28 ބައިވެރިން ބައިވެރިވެ، ޕޭސްޓްރީގެ ދާއިރާއިން އައު ހުނަރުތަކެއް ދަސްކޮށްފައިވެއެވެ.
"ކްރިއޭޓިވް ޕްރޮޑަކްޓްސް" ގެ ފަރާތުން ފާތިމަތު ނާޝީދާ ކިޔަވައިދެއްވި މި ކޯހުގައި، ތަފާތު 30 ބާވަތެއްގެ ޕޭސްޓްރީ ތައްޔާރުކުރާނެ ގޮތް އަމަލީގޮތުން ދަސްކޮށްދީފައިވެއެވެ.
ފޯކައިދޫ ޑަބްލިއު.ޑީ.ސީގެ ޕޭސްޓްރީ ބާޒާރުގެ ތެރެއިން، ފޮޓޯ: ފޯކައިދޫ ޑަބްލިޔުޑީސީ
ކޯހުގެ ބައިވެރިންގެ ހުނަރުވެރިކަން ދައްކާލުމުގެ ގޮތުން، ކޯސް ނިންމުމަށްފަހު ފޯކައިދޫ ޑަބްލިއު.ޑީ.ސީ އިން ވަނީ ޚާއްޞަ "ޕޭސްޓްރީ ބާޒާރު" އެއް ބާއްވާފައެވެ. މި ބާޒާރަކީ ކޯހުގެ ބައިވެރިން ދަސްކުރި ހުނަރުތައް އާންމުންނަށް ދައްކާލުމަށާއި، އެކަނބަލުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭއްވި ވަރަށް ކާމިޔާބު ހަރަކާތެކެވެ.
ފޯކައިދޫ ޑަބްލިޔުޑީސީން ބޭއްވި ޕޭސްޓްރީ ކޯހުގެ ސެޝަނެއް ކުރިއަށް ދަނީ، ފޮޓޯ: ފޯކައިދޫ ޑަބްލިޔުޑީސީ
މި ބާޒާރުގައި ކޯހުގެ ބައިވެރިން ތައްޔާރުކުރި 30 އަށްވުރެ ގިނަ ވައްތަރުގެ މީރު ޕޭސްޓްރީތައް ވަރަށް ހެޔޮ އަގުތަކެއްގައި ވިއްކާފައިވެއެވެ. އަދި ބާޒާރަށް ޒިޔާރަތްކުރި ފަރާތްތަކަށް މި ތަކެތީގެ ރަހަބަލާލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މި ކޯސް ނިންމުން ފާހަގަކުރުމަށް ފޯކައިދޫ ޑަބްލިޔުޑީސީން ވަނީ ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ވަނަތަކަށް އިނާމް ދިނުމާއި، ބައިވެރިންނަށް ހަދިޔާ އާއި ހަނދާނީ ލިޔުން ދިނުން އޮތެވެ.
ޕޭސްޓްރީ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ފޯކައިދޫ ރައީސް އަންވަރު ބައިވެރިއަކަށް އިނާމް ހަވާލުކޮށްދެއްވަނީ، ފޮޓޯ: ފޯކައިދޫ ޑަބްލިޔުޑީސީ
ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނިގޮތުގައި، މި ކޯހުގެ ބައިވެރިންގެ ފަރާތުން ފެނިގެންދިޔައީ ނުހަނު ބޮޑު ހިތްވަރަކާއި ހުނަރުވެރިކަމެކެވެ. އަދި މިފަދަ ކޯސްތަކުގެ ސަބަބުން ރަށުގެ އަންހެނުންނަށް އިޤްތިޞާދީ ގޮތުން ކުރިއަށްދިއުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ކޮމިޓީން އުންމީދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!