ދެކުނު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އުންމީދީ ކުޅުންތެރިޔާ ޖޭޑަން އެޑަމްސް ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން، އެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އުމުރުން އެންމެ 25 އަހަރުގެ އެޑަމްސްގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ހާއިރު، ކޭޕް ޓައުންގެ އަވަށެއް ކަމަށްވާ ޝޮޓްޝޭ ކްލޫފްގެ އިމާރާތެއްގެ ތެރެއިންނެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުވާން ފިރިހެނެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން އެ މަރުގެ ހަގީގަތް ހޯދުމަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރުވާން މެދުވެރިވި ސަބަބެއް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އެޑަމްސް މަރުވީ ދާދިފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާގެ ޓީމު ފުރަތަމަ ފަހަރަށް ނޮކައުޓް ބުރަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރިތާ އެންމެ ދެ ހަފުތާ ފަހުންނެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ކުޅެފައެވެ.
އެޑަމްސްގެ ބައްޕަ ހުއާނިޓޯ އެޑަމްސް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މިއީ މުޅި އާއިލާއަށް ލިބުނު ވަރަށް ބޮޑު ކުއްލި ސިހުމެއް ކަމަށާއި، އާއިލާއިން މިހާރު އިންތިޒާރު ކުރަމުންދަނީ އޮޓޯޕްސީ ރިޕޯޓަށް ކަމަށެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ވަގުތެއް އަދި ނިންމާފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ގޭޓަން މެކެންޒީ ވިދާޅުވީ، އެޑަމްސް އަކީ ގައުމަށްޓަކައި ބޮޑު ގުރުބާނީއެއް ވި ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން ވޯލްޑް ކަޕްގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗަށް އެޑަމްސް ނުކުތީ އޭނާގެ މާމަ މަރުވި ޚަބަރު ލިބުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް އިހުތިރާމް ކުރުމަށާއި، މަރުގެ ސަބަބާ މެދު ދޮގު ވާހަކަ ނުފެތުރުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެޑަމްސްގެ މަރުގެ ހިތާމައިގައި، ހޮނިހިރު ދުވަހު އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުތަކުގެ ކުރިން އޭނާގެ ހަނދާނުގައި ސުކޫތެއް ގެނެސް، އިހުތިރާމް އަދާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!