ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައިގައި އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ.

Ad
rt

މި މައްސަލައަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް ދޫކޮށްފައިވާ މައްސަލައެކެވެ. ޕީޖީ އޮފީހުން މިހާރު ވަނީ މި މައްސަލަ ބަލައިގެންފައެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދު އާއި، ނައިބު ރައީސް އަޙްމަދު އިމްދާޙު ގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާ ގެ މައްޗަށެވެ.

މި ބޭފުޅުންގެ މައްޗަށް ދަޢުވާކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. މީގެ އިތުރުން، ޤާނޫނުލްއުގޫބާތުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާވެސް ވަނީ ހުށަހަޅާފައެވެ.