ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އާ އިސްލާހެއްގެ ދަށުން، މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތްތަކުގައި 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އާ އިސްލާހްގައިވާ ގޮތުން، ބަފަ ޓައިމް ބޭނުންކުރާ މުވައްޒަފުން އެކަން ސަބަބާއެކު އެ އިދާރާއެއްގެ އެޗްއާރު ސެކްޝަނަށް އަންގަންޖެހޭނެއެވެ. އަދި އޮފީހަށް ހާޒިރުވާ ގަޑި ލަސްވާ މިންވަރަށް ބަލައި، އެ ދުވަހަކު އޮފީސް ނިމޭ ގަޑިވެސް އެ މިންވަރަށް ފަސްކުރެވޭނެއެވެ. މިސާލަކަށް، އޮފީސް ގަޑި 08:00 ގައި ފެށޭއިރު މުވައްޒަފަކު ހާޒިރުވީ 08:15 ގައި ނަމަ، އެ މުވައްޒަފެއްގެ މަސައްކަތް ނިމޭނީ 14:15 ގައެވެ. ނަމަވެސް 30 މިނެޓަށްވުރެ ލަހުން ހާޒިރުވާނަމަ ބަލާނީ ގަޑިޖެހުނީ ކަމަށެވެ.

Ad
rt

މި އިސްލާހުގެ ދަށުން މިސްކިތު މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން އަދި މަސައްކަތު މުވައްޒަފުން 15 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާންޖެހެއެވެ. ކޮންމެ ނަމާދު ވަގުތަކު މަދުވެގެން 30 މިނެޓު މިސްކިތުގައި ހޭދަކުރަންޖެހޭއިރު، މަސައްކަތު މުވައްޒަފުން ދުވާލަކު މަދުވެގެން 5 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އުސޫލުން އިސްތިސްނާވާ މުވައްޒަފުން

ބަފަ ޓައިމްގެ އުސޫލުން ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން އިސްތިސްނާވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އޮފީސް ހުޅުވައި ލެއްޕުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުވައްޒަފުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން
  • މިސްކިތު މުވައްޒަފުން
  • އާންމުންނަށް ސީދާ ގޮތެއްގައި ރަސްމީ ގަޑިއާ އެއްގޮތަށް ޚިދުމަތް ދޭ މުވައްޒަފުން

މީގެ އިތުރުން، މުވައްޒަފެއްގެ މަގާމުގެ ގޮތުން އިސްތިސްނާ ކުރަންޖެހޭ ހާލަތްތަކުގައި، އެ އިދާރާއަކުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައިގެން އެ ފުރުސަތު ހޯދިދާނެ ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.