ހއ. އުތީމުގައި ރާވެރިކަން އާލާކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ކައުންސިލުން ވަނީ ފުރަތަމަ ތިން މަސްދުވަހުގެ މުއްދަތަށް ބަންޑާރަ ރުއްތަކެއް ހިލޭ ދޫކޮށްފައެވެ. އަދި މިހާރު ވަނީ ދާއިމީކޮށް އެ މަސައްކަތް ކުރުމަށް އެ ރަށު ރައްޔިތަކަށް ރުއް ދޫކުރަން ފަށާފައެވެ.

Ad
rt

އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އުތީމަކީ ތާރީޚީ ގޮތުން މުއްސަނދިރަށަކަށްވެފައި، ރާވެރިކަންފަދަ ދިވެހިވަންތަ މަސައްކަތެއް އާލާކޮށް ދިރުވުވުމަކީ މުހިންމު ކަމެއްކަމުގައި ކައުންސިލަށް ފެންނާތީ އެރަށުގައި ރާވެރިކަން އާލާކުރުމަށް ކައުންސިލުން ވަނީ ފުރުސަތު ތަނަވަސްކޮށްދީފައެވެ.

''މީގެ ކުރީން އުތީމު ރައްޔިތުން ވެސް މިޖެހެނީ ގަޑުބަޑުކޮށްފަ ހުންނަ ރާ ރަށްރަށުން ގެނެސްގެން ބޯން، މިހާރު މިރަށުން ތާޒާ ރާ ލިބޭނެ، ޑިމާންޑާ އެއްވަރަށް ރާ ނުލިބިފައި އޮންނީ، އަނެއްކޮޅުން ރުކުރަލަކީ ދިޔާ ހަކުރު، ކަރު ހަކުރުފަދަ ބާވައްތައް ވެސް އުފެއްދޭ އެއްޗެއް، މިފަދަ ދިވެހިވަންތަ މަސައްކަތެއް އާލާކުރުމަކީ މުހިންމުކަމެއްކަމުގައި ދެކެން'' އޭނާ ވިދާޅުވިއެވެ.

ޢަބުދުﷲ ރަޝީދު ވިދާޅުވީ އުތީމުގައި ރާވެރިކަން ކުރުމަށް ހިލޭ ރުއް ދޫކުރި ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭ އެރަށުގެ ރައްޔިތަކު ރާވެރިކަން ކުރުމަށްފަހު، އެ ރައްޔިތު މީހާއަށް މިހާރު ކައުންސިލުން ވަނީ ދާއިމީކޮށް އެ މަސައްކަތް ކުރުމަށް ރުއް ދޫކޮށްފައެވެ. އަދި އިތުރު ރައްޔިތުން މި މަސައްކަތުގެ ތެރެއަށް ވަނުމަކީ ކައުންސިލްގެ އުންމީދެވެ.

އުތީމު ކައުންސިލުން މިހާރު ވަނީ ރާވެރިކަން ކުރުމަށް ރުއް ދޫކުރުމާ ބެހޭ ޚާއްޞަ އުސޫލެއް ވެސް އެކުލަވާލައި އާންމުކޮށްފައެވެ. މި އުސޫލުގެ ދަށުން ރުއް ދޫކުރެވޭނީ އުތީމުގެ ރަށްވެހިންނަށާއި، އެ ރަށު ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ދޫކުރެވޭނީ 10 ރުކެވެ. އަދި ކޮންމެ ރުކެއްވެސް ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ކުއްޔަށް ދޫކުރާ ކޮންމެ ރުކަކަށް މަހަކު 150 ރުފިޔާގެ ކުއްޔެއް ދައްކަން ޖެހޭނެއެވެ. މި އުސޫލު ހިނގާނީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ބަންޑާރަ ރުއްތަކުގެ މައްޗަށެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ "ކުރީގެ އާދަކާތައް ދިރުވައި އާލާކުރުމާއި، އަންނާން އޮތް ޖީލުތަކަށް އެކަންކަން ފޯރުކޮށްދިނުން" ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން މިއީ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.

ކައުންސިލުން އުންމީދު ކުރަނީ މި ފުރުސަތުގެ ބޭނުން ހިފައިގެން ރަށުގެ ގުދުރަތީ ވަސީލަތްތަކުން ކައުންސިލަށް ލިބޭ އާމްދަނީ އިތުރުވެ، އެ ފައިސާއިން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުމެވެ.