ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ކެނެޑާގެ ޓޮރޮންޓޯގައި ކުޅުމަށް ހަމަޖެހިފައިވާ ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ ޓިކެޓްތަކުގެ އަގު އިންތިހާއަށް އުފުލި، ބައެއް ޓިކެޓްތައް 30،000 އެމެރިކާ ޑޮލަރަށް ވިއްމުން އަންނަކަމަށް ކެނެޑާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އެ ނޫސްތަކުން ބުނެފައިވާގޮތުގައި ސީޓްގީކް ފަދަ ޓިކެޓް އަލުން ވިއްކާ ވެބްސައިޓްތަކުގައި އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގުވެސް މިހާރު ހުރީ 2،600 ޑޮލަރަށްވުރެ މަތީގައެވެ. އަދި ޓިކެޓްތަކުގެ އަގު އުފުލި ބައެއް ޓިކެޓް 30،000 ޑޮލަރަށް ވެސް ވިއްކަމުން އަންނަކަމަށް ބުނެފަވެއެވެ.
ފީފާއިން އެންމެ ފުރަތަމަ މި މެޗުގެ ޓިކެޓްތައް ވިއްކާފައިވަނީ 335 ޑޮލަރާއި 875 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް މިހާރު ފީފާގެ ވެބްސައިޓުން ހުރިހާ ޓިކެޓެއް ހުސްވެފައިވާއިރު، ރީސޭލް މާކެޓުގައި އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ކޮންސިއުމަރ ޗޮއިސް ސެންޓަރުގެ ޕޮލިސީ ޑައިރެކްޓަރު ޑޭވިޑް ކްލެމެންޓް ވިދާޅުވި ގޮތުގައި، މި މެޗަށް އޮތް ޑިމާންޑް ބޮޑުވީ ޓޮރޮންޓޯގައި ޕޯޗުގަލް އާއި ކްރޮއޭޝިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުމުގެ އިތުރުން މިއީ ތާރީޚީ މެޗަކަށް ވާތީއެވެ.
"މި މެޗަކީ ދުނިޔޭގެ އެންމެ މޮޅު އެއް ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗްގެ ފަހު ވޯލްޑް ކަޕް މެޗަށް ވުމުގެ ފުރުސަތު ބޮޑު،" ކްލެމެންޓް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެތީ، މިއީ ގިނަ ބަޔަކު ބަލަން ބޭނުންވާ 'ބަކެޓް ލިސްޓް' މެޗަކަށް ވަނީ ވެފައެވެ.
އޮންޓޭރިއޯ ސަރުކާރުން ވަނީ ޓިކެޓްގެ އަސްލު އަގަށްވުރެ ބޮޑު އަގުގައި ޓިކެޓް ވިއްކުން މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނާ ޚިލާފުވާ ފަރާތްތައް 250،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ޕަބްލިކް އެންޑް ބިޒްނަސް ސާވިސް ޑެލިވަރީން ބުނެފައިވެއެވެ. ނަމަވެސް، ޓިކެޓް ރީސޭލް ކުރާ ސައިޓްތަކުން ބުނަނީ މި ގާނޫނު ތަންފީޒުކުރުމުގައި އަމަލީ ގޮތުން ދަތިތަކެއް ހުރި ކަމަށެވެ.
ކްލެމެންޓް ވިދާޅުވާ ގޮތުގައި މިފަދަ ހަރުކަށި ގާނޫނުތަކުގެ ސަބަބުން ޓިކެޓް ވިއްކުން ފޭސްބުކް މާކެޓްޕްލޭސް ފަދަ ރެގިއުލޭޓް ނުކުރެވޭ މާހައުލުތަކަށް ބަދަލުވެ، މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އޭނާ މި މެޗުގެ ޑިމާންޑް އަޅާކިޔާފައިވަނީ ޓޭލާ ސުވިފްޓްގެ ކޮންސަރޓްތަކާއެވެ.
ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މި މުހިންމު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ރޭ 7 ޖަހާއިރު ޓޮރޮންޓޯ ސްޓޭޑިއަމްގައެވެ. މިއީ އެ ސްޓޭޑިއަމްގައި ކުޅޭނެ މި އަހަރުގެ ވޯލްޑް ކަޕްގެ ފަހު މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!