ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހަފުތާގެ ތެރޭގައި އަމިއްލަ ކޮންޓްރެކްޓަރަކާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ރީ-ސްޓާޓް ކުރުމަށްޓަކައި އެޗްޑީސީން ކޮންޓްރެކްޓަރަކާ އެކު ސޮއިކުރުމުގެ އެގްރީމެންޓްގެ ކަންތައް މި ހަފުތާގައި ނިންމާނެ ކަމަށެވެ.
މީގެ އިތުރުން އެ ސިޓީގައި އެޅުމަށް ނިންމާފައިވާ 2000 ހައުސިން ޔުނިޓުގެ މަޝްރޫޢާއެކު މި ދެ މަޝްރޫޢުއަކީ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އަތޮޅުތެރޭގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަޝްރޫޢަށް ވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
''ބޮޑެތި ރަށްރަށަށް ބަލާއިރު އެންމެ ބޮޑު ވައުދެއް ވެފައި އޮންނާނީ ކުޅުދުއްފުށީ ސިޓީއަށް ، ކުޅުދުއްފުށީ ސިޓީއަށް އެބައޮތް ދެ ވައުދެއް، އެއީ މިހާރު އަލުން ރީ ސްޓާޓް ކުރެވިގެންދާ 400 ހައުސިން ޔުނިޓް އެޗްޑީސީން ޕްރައިވެޓް ކޮންޓެކްޓަރަކާއި ހަވާލުކުރުމުގެ އެގްރީމެންޓްގެ ކަންތައް މި ހަފުތާގައި ނިންމާނެ، ދެން 2000 ހައުސިން ޔުނިޓް، މި ދެ މަޝްރޫޢުއަކީ އަޅުގަނޑުމެން އަތޮޅުތެރޭގައި ޑެލިވަރކުރާނެ އެންމެ ބޮޑު މަޝްރޫޢުއަށްވާނެ މި އޮއް ދެ އަހަރާއި ބައިގެ ތެރޭ، އެހެންވީމަ ހައުސިން ވައުދު ފުއްދޭނެ'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން ޔުނިޓްތައް ނިންމައި މީހުން ވެއްދިފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ އެކަން ބަދަލުކުރުން ކަމަށާއި، އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު ގިނަ މަޝްރޫޢުތަކެއްގެ ބޮޑު އިންސައްތައެއް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބައެއް ރަށްރަށުގެ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ވެސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މަޝްރޫޢުގެ ފަސްފަހަތް
ކުޅުދުއްފުށީ ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ފަށާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވަނީ 11 ފަންގިފިލާގެ 5 ޓަވަރެވެ. މި ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި މަޝްރޫޢަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފައެވެ.
މި މަޝްރޫޢުގެ މަސައްކަތް މީގެ ކުރިން ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނި، ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. ނަމަވެސް، މިހާތަނަށް ކުރިއަށް ގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. އޭގެ ފަހުން މަސައްކަތް އެއްކޮށް ހުއްޓިފައި އޮތުމާ ގުޅިގެން، މި ސަރުކާރުން ވަނީ މި މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން މި ސަރުކާރުން ވަނީ ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއެއްގެ ބިންގާ 2 އޭޕްރިލް 2026 ގައި އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!