އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިޢުލާނު ކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ކަމަށް ވީނަމަވެސް، އެތަނުން އެންމެ އެދެވޭ ގޮތެއްގައި ފަރުވާގެ ކަންކަން ކުރިއަށްނުދާ ކަމަށެވެ. އެހެންކަމުން، އަންނަ މަހު ހިންމަފުށީގައި ފެށުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ފެންވަރުގެ ޒަމާނީ ސެންޓަރެއް ބިނާކުރުމުގެ ބިޔަ މަޝްރޫޢެކެވެ.

"500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން،" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސްގެ ހާލަތުވެސް ރަނގަޅު ނޫންކަން ފާހަގަކުރައްވައި، އެ ދެ ތަންވެސް ޒަމާނީ ފަރުވާ ދެވޭނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އަމާޒަކީ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މީގެ އިތުރުން، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރިކަވަރީ ސަޕޯޓު އަދި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މުހިންމުކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލައަށް ވާއިރު، މި މައްސަލައަށް ދާއިމީ އަދި އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.